މޭޔަރު އާޒިމް ހައުސިންގ މިނިސްޓަރާ ބައްދަލުކުރައްވަން ވަޑައިގަތުމުން ބައްދަލުވާގޮތެއް ނުވި

މޭޔަރު އާޒިމް ހައުސިންގ މިނިސްޓަރާ ބައްދަލުކުރައްވަން ވަޑައިގަތުމުން ބައްދަލުވާގޮތެއް ނުވި

Author
އަހުމަދު
10 ޖޫން 2026 10:59
0

ވިލިމާލޭގެ ފުނަވައު ސަރަހައްދުގައި ހިންގާ ހައުސިންގ މަޝްރޫޢާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމާއި ކައުންސިލަރުން ހައުސިންގ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބާ ބައްދަލުކުރައްވަން މިއަދު ވަޑައިގަތުމުން ބައްދަލުވާގޮތެއް ނުވިއެވެ.

މާލެ ސިޓީ ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި، މޭޔަރާއި ކައުންސިލަރުން މިނިސްޓްރީއަށް ވަޑައިގަތީ އެ މަޝްރޫޢާ ގުޅިގެން އާންމު ރައްޔިތުންގެ ފަރާތުން ހުށަހަޅާފައިވާ ޕެޓިޝަނަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށެވެ. ނަމަވެސް މިނިސްޓަރުގެ މަސައްކަތްޕުޅުތައް ހުރިގޮތުން ބިޒީކޮށް އުޅުއްވާތީ ބައްދަލުކުރެވެން ނެތްކަމުގެ ޖަވާބު ވަނީ ލިބިފައެވެ.

މިކަމާ ގުޅިގެން މޭޔަރު އާޒިމް ވިދާޅުވީ، ވިލިމާލެ ފުނަވައުގައި ކުރިއަށްގެންދާ މަޝްރޫޢަކީ ސިޓީ ކައުންސިލްގެ މަޝްރޫޢެއް ނޫން ކަމަށާއި، އެއީ ސީދާ ހައުސިންގ މިނިސްޓްރީން ހިންގާ މަޝްރޫޢެއް ކަމަށެވެ. އަދި އެ މަޝްރޫޢުގެ ސަބަބުން އެ ސަރަހައްދުގެ ތިމާވެއްޓަށް ގެއްލުންތަކެއް ލިބެމުންދާތީ، އެކަމުގެ ކަންބޮޑުވުންތައް މިނިސްޓަރާ ހިއްސާކޮށް މަޝްވަރާކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން އަންނަ ހަފްތާގެ ތެރޭގައި ވަގުތު ދެއްވާނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެފައިވާކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން އަންނަ ހަފްތާގައިވެސް މިނިސްޓަރާ ބައްދަލުކުރެއްވުމަށް ވަޑައިގަންނަވާނެ ކަމަށާއި، ވިލިމާލޭގެ ތިމާވެއްޓަށް ކުރިމަތިވާ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ރައްޔިތުންނާއެކު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓަވާނުލައްވާނެ ކަމުގެ ޔަޤީންކަން މޭޔަރު ވަނީ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.