މަސްތުވާތަކެތި ފޮރުވާފައި ހުރި ސައިކަލުތަކެއްގެ ތަޅުދަނޑި ފުރަގަސްފަރާތުގައި ފޮރުވައިގެން އުޅުނު މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން 30 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ސ. ހުޅުދޫ، ސެލްޓަން، އުމުރުން 49 އަހަރުގެ މުޙައްމަދު ރަޝީދެވެ. ފުލުހުންނަށް އޭނާ ފެނުނު ވަގުތު ސައިކަލެއްގެ މަޑިދަށާ ކުޅެން ހުރެފައި، ފުލުހުން ފެނުމުން ހާސްވެ ދޮގު މައުލޫމާތު ދިނުމާ ގުޅިގެން ފުލުހުން ވަނީ އެ ސައިކަލާއި އޭގެ ޖެހިގެން ހުރި ސައިކަލު ބަލައި ފާސްކޮށްފައެވެ. އެ ދެ ސައިކަލުގެ މަޑިދަށުންވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ.
އޭނާ ހައްޔަރުކޮށް މާލޭ ކަސްޓަޑީއަށް ގެންގޮސް ގޮޅިއަށް ވެއްދުމުގެ ކުރިން ފާސްކުރިއިރު، އޭނާގެ ފުރަގަސްފަރާތުގައި އެއްޗެއް ފޮރުވާފައި އޮތްކަމަށް ޝައްކުކުރެވިގެން އެ ނަގަން އެންގުމުން އޭނާ ވަނީ ދެ ތަޅުދަނޑިއެއް ނަގައި ފުލުހުންނާ ހަވާލުކޮށްފައެވެ. ތަހުގީގުން ކަށަވަރުވި ގޮތުގައި އެއީ މަސްތުވާތަކެތި ފެނުނު ދެ ސައިކަލުގެ ތަޅުދަނޑިއެވެ. އެ ސައިކަލުތަކުން 161.52 ގްރާމްގެ ކެނަބިސް އާއި، 48.8 ގްރާމްގެ ޖަދުވަލު 1 ގެ މަސްތުވާތަކެތީގެ އިތުރުން 17 ގްރާމްގެ ޑައިމޯފިން ވަނީ ފެނިފައެވެ. އަދި އޭނާގެ ކުޑަކަމުދާ ތަކެތިވެސް ވަނީ ކެނަބިސްއަށް ޕޮޒިޓިވްވެފައެވެ.
މީގެ އިތުރުން، މި މައްސަލައިގެ ހެކި ނައްތާލުމަށްވެސް އޭނާ ވަނީ މަސައްކަތްކޮށްފައެވެ. އެގޮތުން ސައިކަލުތައް ފެންނަން ހުރި ސީސީޓީވީ ކެމެރާތަކުގެ ހާޑް ޑިސްކު އޭނާގެ ދޮންދަރިއަކު މެދުވެރިކޮށް ދަބަހަކަށް ލައިގެން ގެންދަން އުޅެނިކޮށް ފުލުހުން ވަނީ އެމީހާ ހުއްޓުވައި ހާޑް ޑިސްކާއި ޕެންޑްރައިވްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރުވެސް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހޭކިފައި ހުރި ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ