ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ބިން، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްލާމިކް މިނިސްޓްރީއާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.
ހުޅުމާލޭގެ ފޭސް 2 އަދި ފޭސް 3 އާ ދެމެދުގައި އިމާރާތްކުރާ މި ބޮޑު މިސްކިތުގެ ބިމާ މިނިސްޓްރީގެ ފަރާތުން ހަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) ޢަލީ ޒުހައިރެވެ.
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މި މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށް ވަނީ އަމާޒު ހިފާފައެވެ. މި ބޮޑު މަޝްރޫޢުއަށް ފައިނޭންސް ކުރުމަށް ހަމަޖެހިފައިވަނީ ސައުދީ އަރަބިއްޔާގެ މަޝްހޫރު އަލްރަޖްހީ ކުންފުންޏާއެކު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
އެއްފަހަރާ ގާތްގަނޑަކަށް 10،000 މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ މި މިސްކިތަކީ ގިނަ ވަސީލަތްތަކެއް ހިމެނޭނެހެން ފަރުމާކުރެވޭ ބޮޑު ކޮމްޕްލެކްސްއެކެވެ. އެގޮތުން، މިތަނުގައި ޤުރުއާން މިއުޒިއަމަކާއި، ޕާކިން ޒޯނެއްގެ އިތުރުން ވަޤުފު އިމާރާތްތަކާއި ކޮމާޝަލް ބިލްޑިންގްތައް ވެސް ހިމެނޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މި ވަޤުފު އިމާރާތްތަކުން ލިބޭ އާމްދަނީ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އިސްލާމީ އެކިއެކި ކަންކަން ކުރިއެރުވުމަށެވެ.
ކޮމެންޓު ފޮނުވާ