ވޭތުވެދިޔަ ހަފުތާގައި މާލެ ސަރަހައްދުން ހިމަބިހީގެ ހަތަރު ކޭސް ފެނި، މި އަހަރުގެ މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 15 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ މި ބަލިން ރައްކާތެރިވުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އެގޮތުން، ހުން އައުމާއެކު ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި، ޓެސްޓުގެ ނަތީޖާ ލިބެންދެން އެހެން މީހުންނާ އެކަހެރިވެ ހުރުމުގެ އިތުރުން މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވަނީ އަންގާފައެވެ. ކެއްސާ ކިނބިހި އެޅުމުގެ ތެރެއިން ނޭވާލާ ނިޒާމުން ފެތުރޭ މި ބަލި ޖެހިފައިވާ މީހުންނާ ކޮންޓެކްޓުވި ފަރާތްތައް ހޯދައި މޮނިޓާ ކުރުމުގެ މަސައްކަތް ވެސް އެ އެޖެންސީން ދަނީ ކުރަމުންނެވެ.
ހިމަބިހީގެ އަލާމާތްތައް ފެންނަ މީހުންނަށް ފަސޭހައިން ފަރުވާ ދިނުމަށްޓަކައި، އައިޖީއެމްއެޗްގެ މެއިން އީއާރްގެ އެމްބިއުލާންސް ޕޯޓިކޯ ކައިރީގައި ޚާއްސަ 'ހެލްޕް ޑެސްކެއް' މިހާރު ވަނީ ގާއިމުކޮށްފައެވެ. މި ޑެސްކުން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 11:00 އަށް ޚިދުމަތް ލިބޭނެއެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، ސިއްހީ ދާއިރާގެ މަސައްކަތްތެރިންނަށް ވެކްސިންގެ ބޫސްޓާ ޑޯޒް ދިނުމާއި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށް ބޭނުންވާ ވެކްސިން ރާއްޖެ ގެނައުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން، މިއީ ޑެންގީ އާއި އިންފްލުއެންޒާ ފަދަ ރޯގާތައް ވެސް އިތުރުވެފައިވާ ދުވަސްވަރަކަށް ވެފައި، ހައްޖުވެރިން އެނބުރި އަންނަ ދުވަސްވަރު ކަމަށްވާތީ، އާންމު ސިއްހަތަށް އިތުރަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
ކޮމެންޓު ފޮނުވާ