ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ތާރުއެޅުމުގެ މަސައްކަތް ކުރުމަށްޓަކައި ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އޮތް ސަރަހައްދު މިރޭ ދަންވަރު ބަންދުކުރަން ނިންމައިފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތު ދޭގޮތުގައި، މި ސަރަހައްދުގައި ތާރުއެޅުމަށްޓަކައި މިރޭ 12:00 އިން ފެށިގެން މަސައްކަތް އެއްކޮށް ނިމެންދެން އެ ސަރަހައްދާއި ގުޅިފައިވާ ހުރިހާ މަގުތަކެއް އާންމު ދަތުރުފަތުރަށް ބަންދުވާނެއެވެ. މި ސަރަހައްދުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މާރިޗު މަހުގެ 24 ވަނަ ދުވަހުއެވެ.
ބޮޑުތަކުރުފާނު މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 144 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މިދިޔަ އަހަރުގެ އޯގަސްޓު މަހު ފެށި މި މަސައްކަތް 455 ދުވަހުގެ ތެރޭގައި (ގާތްގަނޑަކަށް 1 އަހަރާއި 3 މަހުން) ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ދަށުން މީގެ ކުރިން ވަނީ ޖުމްހޫރީ މައިދާނުން ފެށިގެން މާރުކޭޓާއި ދެމެދު، އަދި ރަސްމީ ފާލަމުން ފެށިގެން މަސްމާރުކޭޓާ ހަމައަށް ތާރުއަޅައި އާންމުންނަށް ހުޅުވާލާފައެވެ.
ކޮމެންޓު ފޮނުވާ