ތާރީޚީ ކާމިޔާބީއެއް: އދ. ގެ އިކޮސޮކް ގޮނޑި ފުރަތަމަ ފަހަރަށް ރާއްޖެއަށް

ތާރީޚީ ކާމިޔާބީއެއް: އދ. ގެ އިކޮސޮކް ގޮނޑި ފުރަތަމަ ފަހަރަށް ރާއްޖެއަށް

Author
އަހުމަދު
05 ޖޫން 2026 10:09
0

އދ. ގެ އިޤްތިޞާދީ އަދި އިޖުތިމާޢީ މަޖިލިސް (އިކޮސޮކް) ގެ މެންބަރުކަމަށް ތާރީޚުގައި ފުރަތަމަ ފަހަރަށް ދިވެހިރާއްޖެ އިންތިޚާބުވެއްޖެއެވެ.

ރާއްޖެ އދ. ގެ މެންބަރަކަށްވިތާ 60 އަހަރު ފަހުން މި ލިބުނު ބޮޑު ކާމިޔާބީ ހޯދާފައިވަނީ 183 ޤައުމެއްގެ ތާއީދާއި ވޯޓާއެކުގައެވެ. އޭޝިއާ ޕެސިފިކް ސަރަޙައްދަށް ކަނޑައަޅާފައިވާ ގޮނޑިތަކަށް ރާއްޖޭގެ އިތުރުން ދެން އިންތިޚާބުވީ މެލޭޝިއާ އަދި ދެކުނު ކޮރެއާއެވެ. މި މަޖިލީހުގައި ރާއްޖޭގެ މެންބަރުކަމުގެ ދައުރު ރަސްމީކޮށް ފެށޭނީ 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. އަދި މި ދައުރު 2029 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ދެމިއޮންނާނެއެވެ.

މި ތާރީޚީ ކާމިޔާބީއާ ގުޅިގެން ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތު ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަނެ، ރާއްޖެއަށް ކުރާ އިތުބާރު ހާމަވާ ކަމެއް ކަމަށެވެ. ޚާއްޞަކޮށް މޫސުމީ ބަދަލުތަކުން އަރައިގަތުމަށާއި، ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭގޮތުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް މުޅި ދުނިޔެ ތާޢީދުކުރާކަން މިކަމުން ސާބިތުވެގެންދެއެވެ.

އދ. ގެ މައިގަނޑު ހަ ގުނަވަނުގެ ތެރޭގައި ހިމެނޭ އިކޮސޮކް އަކީ ދުނިޔޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކަންކަން ވިލަރެސްކޮށް، ބައިނަލްއަޤްވާމީ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުވާ މިންވަރު ވަޒަންކުރާ އދ. ގެ އެންމެ އިސް މުއައްސަސާއެވެ. މި މަޖިލީހުގެ ގޮނޑިއެއް ކާމިޔާބުވުމަކީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ އަޑު އިތުރަށް ގަދަވެގެންދާނެ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.