މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު 951,222 އަށް އަރައިފިއެވެ. މީގެ ތެރެއިން އިނގިރޭސިވިލާތުން އައި ފަތުރުވެރިންގެ އަދަދު 80,000 އަށްވުރެ މައްޗަށް ގޮސް، އެ ޤައުމު ވަނީ އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުތަކުގެ ލިސްޓުގެ ތިންވަނައިގައެވެ.
ޓުއަރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ފަތުރުވެރިން އެންމެ ގިނައިން އަންނަ ޤައުމުތަކުގެ ލިސްޓުގެ އެއްވަނައިގައި 144,931 ފަތުރުވެރިންނާއެކު ޗައިނާ އޮތްއިރު، ދެވަނައިގައި އޮތީ 126,712 ފަތުރުވެރިންނާއެކު ރަޝިއާއެވެ. މިއަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.1 އިންސައްތަ ދަށް އަދަދެކެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ފަތުރުވެރިން އަންނަ މިންވަރު ކޮންމެވެސް ވަރަކަށް ދަށްވި ނަމަވެސް، މިހާރު އަނެއްކާވެސް އަދަދުތައް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ނިމިދިޔަ މޭ މަހު އެކަނިވެސް 139,000 އަށްވުރެ ގިނަ މީހުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެއީ 660,199 ފަތުރުވެރިންނެވެ. މީގެ އިތުރުން ގެސްޓްހައުސްތަކުގައި 223,313 ފަތުރުވެރިން އަދި ހޮޓެލްތަކުގައި 22,659 އަށްވުރެ ގިނަ ފަތުރުވެރިން މަޑުކޮށްފައިވެއެވެ. ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި ރާއްޖޭގައި މިވަގުތު 1,284 ތަނެއް ހިންގަމުން އަންނައިރު، މި ތަންތަނުގެ ޖުމްލަ އެނދުގެ ކެޕޭސިޓީއަކީ 67,554 އެވެ.
ކޮމެންޓު ފޮނުވާ