އީދު ފާހަގަކުރުން އިސްލާމީ އުސޫލުތަކުގެ ތެރެއިން ކުރިއަށްގެންދަން ހާއްސަ ޕްލޭނެއް އެކުލަވާލަނީ

އީދު ފާހަގަކުރުން އިސްލާމީ އުސޫލުތަކުގެ ތެރެއިން ކުރިއަށްގެންދަން ހާއްސަ ޕްލޭނެއް އެކުލަވާލަނީ

Author
އަހުމަދު
04 ޖޫން 2026 03:53
0

ކުރިއަށް އޮތް ހިޖުރީ އާ އަހަރާއެކު، ރާއްޖޭގައި އީދު ފާހަގަކުރުމުގެ ކަންކަން އިސްލާމީ އުސޫލުތަކުގެ ތެރެއިން ކުރިއަށް ގެންދިއުމަށްޓަކައި އިސްލާމިކް މިނިސްޓްރީން ހާއްސަ ޕްލޭނެއް އެކުލަވާލަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހާމަކުރެއްވި ގޮތުގައި، މި މަސައްކަތް މިހާރު ދަނީ އެ ވުޒާރާގެ ހާއްސަ ކޮމިޓީއަކުން ކުރަމުންނެވެ. މި ޕްލޭންގެ އެންމެ ބޮޑު ބޭނުމަކީ މުޅި ރާއްޖޭގައިވެސް ހަރުދަނާ އިންތިޒާމެއްގެ ދަށުން، ދީނީ ހަމަތަކާއި ސަގާފަތާ ފުށުނާރާ ގޮތަށް އީދުގެ އުފާފާޅުކުރުން ކުރިއަށް ގެންދިއުމެވެ.

އީދުގެ ކުޅިވަރުތަކާއި ހަރަކާތްތައް ކުރިއަށް ގެންދާއިރު އިސްލާމީ ރިވެތި އަހުލާގު ހިފެހެއްޓުމަށް މީގެ ކުރިން މިނިސްޓަރު ޝަހީމްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އިލްތިމާސްކުރައްވާފައެވެ. ދިވެހިންގެ ރީތި އާދަކާދަތަކާ ބީރައްޓެހި އަދި މީހުންނަށް ފުރައްސާރަވާފަދަ ކަންކަން އީދުގައި ބައެއް ފަރާތްތަކުން ކުރާތީ، އެކަމުގެ ކަންބޮޑުވުން މުޖުތަމައުގައި ވަނީ ބޮޑުވެފައެވެ. އެހެންކަމުން މިއަހަރުގެ އީދު ހުތުބާގައިވެސް ވަނީ މީހުންނަށް މަލާމާތްކޮށް ފުރައްސާރަކުރުން ފަދަ ކަންކަމުން ދުރުހެލިވުމަށް ގޮވާލާފައެވެ.

ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުލަގަދަކޮށް އީދު ފާހަގަކުރެއެވެ. އެގޮތުން ސަގާފީ ކުޅިވަރުތަކާއި ކުޑަކުދިންގެ ހަވީރު ފަދަ ތަފާތު ހަރަކާތްތައް ރަށްރަށާއި މާލެ ސަރަހައްދުގައިވެސް ފޯރިއާއެކު ކުރިއަށް ގެންދެއެވެ. އަލަށް އެކުލަވާލެވޭ ޕްލޭނާއެކު، މި ހަރަކާތްތައް އިތުރަށް އިންތިޒާމުވެ، ދީނީ އިމުގެ ތެރެއިން އުފާފާޅުކުރުމުގެ މާހައުލެއް މުޅި ރާއްޖޭގައި ގާއިމުވެގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.