ވޭވަށް ކައުންސިލް ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެފި

ވޭވަށް ކައުންސިލް ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެފި

Author
އަހުމަދު
03 ޖޫން 2026 03:14
0

މ. ވޭވަށް ކައުންސިލް ގޮނޑީގެ އިންތިޚާބާ ގުޅޭގޮތުން ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލަ އެ ކޯޓުން ބަލައިގަނެފިއެވެ.

އޭޕްރީލް 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މ. ވޭވަށް ކައުންސިލްގެ އާންމު ގޮނޑިއަށް ވާދަކުރީ އެމްޑީޕީގެ ކެންޑިޑޭޓް އަޙްސަން ނަޢީމް އާއި ޕީއެންސީގެ ކެންޑިޑޭޓް މުޙައްމަދު ނަޒީހެވެ. ފުރަތަމަ އިއުލާންކުރި ވަގުތީ ނަތީޖާ ދެއްކި ގޮތުން 121 ވޯޓާއެކު 2 ވޯޓުގެ ތަފާތަކުން ކުރި ހޯދީ އަޙްސަންއެވެ. ނަޒީހަށް ލިބުނީ 119 ވޯޓެވެ. ނަމަވެސް ހައިކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން، ކޯޓުން ވަނީ އަޙްސަންއަށް ލިބުނު 3 ވޯޓު ބާތިލުކޮށްފައެވެ. އެއާއެކު ގޮނޑި ކާމިޔާބުކުރީ ނަޒީހު ކަމަށް ކޯޓުން ކަނޑައެޅިއެވެ.

މި މައްސަލައިގެ އަސްލަކީ ބާތިލު ވޯޓު ކަނޑައެޅުމުގައި އަމަލުކުރި ގޮތެވެ. އިލެކްޝަންސް ކޮމިޝަނުން (އީސީ) ފުރަތަމަ ނިންމީ މައްސަލަ ޖެހިގެން އުޅޭ 3 ވޯޓަކީ ސައްހަ ވޯޓު ކަމަށެވެ. އެ ކަރުދާސްތަކުގައި ހުރި ފާހަގަތަކަކީ ޗާޕުކުރުމުގެ ތެރޭގައި ޖެހިފައިވާ ކަޅު ކުލައިގެ ދެލީގެ ފާހަގަތަކެއް ކަމަށާއި، ވޯޓުލާން ބޭނުންކުރީ ނޫކުލައިގެ ގަލަމެއްކަމަށްވާތީ އެއީ ގަސްތުގައި ކުރަހާފައިވާ ކުރެހުމެއް ނޫންކަމަށް އީސީން ބުންޏެވެ. ނަމަވެސް ހައިކޯޓުގެ ފަނޑިޔާރުންގެ މެޖޯރިޓީން ނިންމީ އެއީ ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ އައިޑެންޓިފައިންގ މާކްސްތަކެއް (ކާކުކަން އަންގައިދޭ ފާހަގަތަކެއް) ކަމަށެވެ.

ހައިކޯޓުގެ ނިންމުމާއެކު އަޙްސަންގެ ވޯޓު 118 އަށް ވެއްޓި، 119 ވޯޓާއެކު ގޮނޑި ކާމިޔާބުކުރީ ނަޒީހު ކަމަށް ކަނޑައެޅުނެވެ. މި ނިންމުމާ ގުޅިގެން އެމްޑީޕީއާއި އަޙްސަން ނަޢީމް ވަނީ މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އީސީ އަދި ނަޒީހުގެ މައްޗަށް އަޙްސަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން މިހާރު ވަނީ ބަލައިގަނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ހައިކޯޓުގެ ނިންމުމާއެކު ގޮނޑި ކާމިޔާބުކުރި ކަމަށް ކަނޑައެޅި ކެންޑިޑޭޓް، ވޭވަށް ކައުންސިލްގެ އެހެން މެމްބަރުން ހުވާކުރިއިރު ހުވާކޮށްފައެއް ނުވެއެވެ. ސުޕްރީމް ކޯޓުން މި މައްސަލަ ބަލައިގަތުމާއެކު، ވޭވަށް ކައުންސިލްގެ މި ގޮނޑިއާމެދު އެންމެ ފަހުގެ ނިޔާ ކަނޑައަޅާނީ ރާއްޖޭގެ އެންމެ މަތީ ކޯޓުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.