ފުލުހުންގެ އިންޓެލިޖެންސްގެ ނަން ބަދަލުކުރުމަކީ ގޯހެއް: ހަމީދު

ފުލުހުންގެ އިންޓެލިޖެންސްގެ ނަން ބަދަލުކުރުމަކީ ގޯހެއް: ހަމީދު

Author
އަހުމަދު
03 ޖޫން 2026 03:13
0

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު، ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ނަން "ނޭޝަނަލް އިންޓެލިޖެންސް ސަރވިސް" އަށް ބަދަލުކުރުމަށް ނިންމި ނިންމުމަށް ފާޑުވިދާޅުވެ، އެއީ ޤާނޫނީ އެއްވެސް އަސާސެއް ނެތް ގޯސް ނިންމުމެއް ކަމަށް ސިފަކުރައްވައިފިއެވެ.

ހަމީދު އިންޒާރު ދެއްވި ގޮތުގައި މި ބަދަލުގެ ސަބަބުން ސަލާމަތީ ބާރުތަކުގެ މެދުގައި އޮޅުންތައް އުފެދި، ޤައުމީ އިންޓެލިޖެންސްގެ މައިގަނޑު ޒިންމާ އޮތީ ފުލުހުންގެ އަތްމަތީގައި ކަމަށް ބައިނަލްއަޤްވާމީ ބައިވެރިންނަށް ހީވުމުގެ ފުރުޞަތު އެބައޮތެވެ. އަދި އެއް މުއައްސަސާއަކަށް ހުރިހާ ބާރެއް ޖަމާކުރުމުގެ ބަދަލުގައި، ކަމާބެހޭ ހުރިހާ އިދާރާތަކެއް ގުޅިގެން މަސައްކަތްކުރެވޭނެ ހަރުދަނާ ޤައުމީ އޮނިގަނޑެއް ޤާއިމުކުރުމަށް އިސްކަންދޭންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާއިތުވި ހޯމަ ދުވަހު ފުލުހުންގެ އިދާރީ އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ތެރެއިން، މޯލްޑިވްސް ޕޮލިސް އިންޓެލިޖެންސްގެ ނަން ވަނީ "ނޭޝަނަލް އިންޓެލިޖެންސް ސަރވިސް" އަށް ބަދަލުކޮށްފައެވެ.

މިކަމާ ގުޅޭގޮތުން މީޑިއަމްގައި ޝާއިޢުކުރެއްވި ބްލޮގް ޕޯސްޓެއްގައި ހަމީދު ވިދާޅުވީ، ފުލުހުންގެ އިންޓެލިޖެންސް ހަރުދަނާ ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި، ކުށްކުރުން ހުއްޓުވުމަށާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމަށް ޕްރޮފެޝަނަލް އިންޓެލިޖެންސް ނިޒާމެއް މުހިންމު ކަމަށެވެ. ނަމަވެސް، އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ނަން ބަދަލުކުރުމުން ދޭހަވަނީ ޤައުމީ އިންޓެލިޖެންސްގެ މައިގަނޑު ދައުރު ފުލުހުން އަދާކުރަން ފެށުން ކަމަށާއި، މިއީ ދައުލަތުގެ މައި އިންޓެލިޖެންސް އިދާރާއަކަށް ވުމަށް އެންމެ މުއައްސަސާއަކުން މަސައްކަތްކުރުން ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ރާއްޖޭގައި ނޭޝަނަލް އިންޓެލިޖެންސް އެކްޓެއް (ޤާނޫނެއް) ނެތުމަކީ މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުންކަން ފާހަގަކުރައްވަމުން ހަމީދު ވިދާޅުވީ، ޤައުމުގެ ސަލާމަތްތެރިކަން ދެމެހެއްޓުމަކީ ހަމައެކަނި އެއް މުއައްސަސާއެއްގެ ޒިންމާއެއް ނޫން ކަމަށެވެ. ފުލުހުންގެ އިތުރުން އެމްއެންޑީއެފް، ކަސްޓަމްސް އަދި އިމިގްރޭޝަނުންވެސް ޤައުމީ ސަލާމަތަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގައި މުހިންމު ދައުރެއް އަދާކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޤާނޫނީ އަސާސެއް ނެތި މިފަދަ ނަމެއް ބޭނުންކުރުމަކީ މައްސަލައެއް ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖޭގެ ސަލާމަތީ މުއައްސަސާތަކުގެ މެދުގައި އޮޅުންއަރައި، ބައިނަލްއަޤްވާމީ ފަރާތްތަކުގެ ކުރިމަތީގައި ރާއްޖޭގެ ސެކިއުރިޓީ ފްރޭމްވަރކާމެދު ނުރަނގަޅު ތަޞައްވުރެއް އުފެދިދާނެކަމަށް ހަމީދު ވިދާޅުވިއެވެ.

މިފަދަ ބަދަލެއް ގެންނަންވާނީ ޑިފެންސް މިނިސްޓްރީ، އެމްއެންޑީއެފް، އެންސީޓީސީ، ކަސްޓަމްސް، އިމިގްރޭޝަން، އެޓަރނީ ޖެނެރަލްގެ އޮފީސް، ރައީސް އޮފީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.