ސަރުކާރުން އަލަށް ތައާރަފުކުރި "މާލެ ޓެކްސީ" ލައިންގެ ހިދުމަތް ހޯދުމަށް ބޭނުންކުރާ އެޕްލިކޭޝަން، އެޕަލް އެޕް ސްޓޯރުން ލިބޭނެ އިންތިޒާމު އެމްޓީސީސީއިން ހަމަޖައްސައިފިއެވެ.
އައިފޯން ގެންގުޅޭ ފަރާތްތަކަށް މިހާރު ކިއުއާރު ކޯޑެއް ސްކޭން ކޮށްގެން ނުވަތަ އެޕް ސްޓޯރުގެ ލިންކު މެދުވެރިކޮށް މި އެޕް ފަސޭހަކަމާއެކު ޑައުންލޯޑު ކުރެވޭނެއެވެ. އަދި އެންޑްރޮއިޑް ފޯނުތައް ބޭނުންކުރާ ފަރާތްތަކަށް ހާއްސަ އެޕްލިކޭޝަން ގޫގުލް ޕްލޭ ސްޓޯރުން ވަރަށް އަވަހަށް ލިބެން ހުންނާނެ ކަމަށް އެމްޓީސީސީއިން މައުލޫމާތު ދެއެވެ.
މި ޓެކްސީ ލައިނުގައި ބޭނުންކުރަނީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ކާރުތަކެކެވެ. މިއީ އާންމުންނަށް އިތުބާރު ހުރި، ރައްކާތެރި އަދި ފެންވަރު ރަނގަޅު ހިދުމަތެއް 24 ގަޑިއިރު ފޯރުކޮށްދިނުމުގެ މަގުސަދުގައި 150 ކާރާއެކު ފަށާފައިވާ މުހިންމު ހިދުމަތެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މި ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިދިޔަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ހިދުމަތް ތައާރަފުކުރުމަށްފަހު ފުރަތަމަ ދެ ހަފްތާގައި އާންމުންނަށް ހިލޭ ދަތުރުކުރެވޭގޮތަށް ހަމަޖެއްސިއެވެ. އަދި ދަތުރުތަކަށް ރަސްމީކޮށް އަގު ނަގަން ފަށާފައިވަނީ އޭޕްރީލް 18 އިން ފެށިގެންނެވެ.
ކޮމެންޓު ފޮނުވާ