ސަރުކާރުން އެޅި ޚަރަދު ކުޑަކުރުމުގެ ހަރުދަނާ ފިޔަވަޅުތަކާ އެކު، ފާއިތުވި އަހަރު ދައުލަތުގެ ބަޖެޓުން ކުރަން ލަފާކުރި ޚަރަދުން 5 ބިލިއަން ރުފިޔާ ސަލާމަތްކޮށްފިއެވެ.
މާލީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، ނިމިދިޔަ އަހަރުގެ ބަޖެޓުގެ ގޮތުގައި ފާސްކުރި 49.2 ބިލިއަން ރުފިޔާގެ ތެރެއިން އަމަލީގޮތުން ޚަރަދުކޮށްފައިވަނީ 44.2 ބިލިއަން ރުފިޔާއެވެ. މި ބަދަލާ ގުޅިގެން، 9.4 ބިލިއަން ރުފިޔާގައި ހުންނާނެކަމަށް ލަފާކުރި ބަޖެޓު ޑެފިސިޓް (ދަރަނި) ވަނީ 4.4 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. މިއީ ޤައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ) ނިސްބަތުން ބަލާއިރު އެންމެ 3.6 އިންސައްތައެވެ. މިއީ ފާއިތުވި ހަ އަހަރުގެ ތެރޭގައި ޑެފިސިޓް މިހާ ބޮޑަށް ކުޑަކުރެވުނު ފުރަތަމަ ފަހަރެވެ.
މި ބޮޑު ކުރިއެރުން ހޯދާފައިވަނީ ރައްޔިތުންނަށް ދެމުން އަންނަ އަސާސީ ޚިދުމަތްތަކާއި، އިޖުތިމާޢީ ރައްކާތެރިކަމާއި ސަބްސިޑީތަކަށް އެއްވެސް އުނިކަމެއް ނުގެނެހެވެ. އޭގެ ބަދަލުގައި ސަރުކާރުން އިސްކަންދިނީ ރިކަރަންޓް އަދި ކެޕިޓަލް ޚަރަދުތައް ކުޑަކުރުމަށާއި މަޝްރޫޢުތައް ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށެވެ. އެގޮތުން، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކަނޑައެޅި 14 ބިލިއަން ރުފިޔާގެ ތެރެއިން ޚަރަދުވީ 12.5 ބިލިއަން ރުފިޔާއެވެ. އަދި ލޯނުތަކުގެ އިންޓްރެސްޓަށް ދައްކަން ލަފާކުރި 5.6 ބިލިއަން ރުފިޔާގެ ބަދަލުގައި ހޭދަވީ 4.8 ބިލިއަން ރުފިޔާއެވެ.
ޚަރަދު ކުޑަކުރުމުގެ އިތުރުން ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ އަންދާޒާކުރި ވަރަށްވުރެ އިތުރުވެފައެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރި ނަމަވެސް، އަހަރު ނިމުނުއިރު 39.9 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ. މިއީ 2019 ވަނަ އަހަރުގެ ފަހުން ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު އަހަރެވެ. މި އާމްދަނީ މައިގަނޑު ގޮތެއްގައި އިތުރުވެފައިވަނީ ގަވާއިދުތައް ތަންފީޒުކުރުން ހަރުދަނާކޮށް، ޓެކްސް ނޫން ގޮތްގޮތުން ލިބޭ ފައިސާ އިތުރުވުމުންނެވެ. އޭގެ ތެރޭގައި ރިސޯޓު ކުއްޔާއި، ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ އިތުރުން ވޯކް ޕާމިޓް ފީ ހިމެނެއެވެ.
ކޮމެންޓު ފޮނުވާ