ގއ. މާމެންދޫގައި އަޅަލާނެ މީހެއްނެތި މަގުމަތިވެފައިވާ އަލިފުތާ، ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އަލިފުތާ ދައުލަތުގެ ބެލުމުގެ ދަށުން، މާލެ އަތޮޅު ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒަށް މިއަދު ވަނީ ގެންގޮސްފައެވެ.
މާމެންދޫގައި އަލިފުތާގެ އާއިލާމީހުންނާއި އެރަށުންވެސް އޭނާ ބަލައިދޭނެ މީހަކު ވަނީ ނުވެފައެވެ. އަލިފުތާ ބަލާނެ މީހަކު ނެތި މަގުމަތިކޮށްލުމުން އޭނާ ބަލައި ދޭނެ މީހަކު ހޯދަން އެރަށު ކައުންސިލުން އިއުލާނެއް ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެރޭގައެވެ. ނަމަވެސް އޭނާ ބަލައިދޭނެ މީހަކު މިހާތަނަށްވެސް ހަމަޖެހިފައެއްނުވެއެވެ. އަލިފުތާ ގެއާއިލާއިންވެސް ހަވާލެއްނުވިއެވެ. އެހެންކަމުން ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުން ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒަށް އަލިފުތާ މިއަދު ހެނދުނު ވަނީ ގެންގޮސްފައެވެ.
މާމެންދޫ ކައުންސިލުން ބުނީ އަލިފުތާގެ ވާރިސުން އަލިފުތާއާއި ހަވާލުވުމަށް އެރަށު ކޯޓަށް މައްސަލައެއް ހުށަހެޅި ކަމަށެވެ. އަދި ކޯޓުން އަމުރު ކުރުމުންވެސް އޭނާއާ ހަވާލުވުމަށް ވާރިސުން ދެކޮޅު ހަދާފައިވާކަމަށާއި، އެހެންކަމުން ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް އޭނާ ގެންދިއުމަށް ޖެންޑާ މިނިސްޓްރީން ނިންމުމާއި ގުޅިގެން ކޯޓުން އެމައްސަލަ ނުބެލުމަށް ނިންމާފައިވާކަމަށެވެ.
އަލިފުތާގެ އުފަން ދަރިޔަކު ނެތެވެ. އަދި އޭނާގެ އަނބިމީހާ މަރުވިތާ މިހާރު ތިން ހަތަރު މަހެއް ވެފައިވާނެކަމަށް އެރަށުން ވާހަކަ ދެއްކި މީހުން މަޢުލޫމާތުދެއެވެ. އަލިފުތާ މިހާތަނަށް ބަލަމުން އައިސްފައިވަނީ އޭނާގެ ދޮންދަރިއެކެވެ. ނަމަވެސް އޭނާއަކީވެސް މިހާރު ޢުމުރުން 65 އަހަތުން މަތީގެ މީހެއްކަމުން އޭނާ ބެލުމަށް ދަތިވެފައިވާކަމަށް މަޢުލޫމާތުލިބެއެވެ. އެހެންކަމުން އެނާއަށް އަލިފުތާ ބެލެން ނެތުމުން އަލިފުތާ ގެންގޮސް ވާރިސެއްގެ ގޭގެ ދޮރުމަތީ ބޭންދިއެވެ. ނަމަވެސް ވާރިސުން ހަވާލު ނުވުމުން ފުލުހުން ކައުންސިލާ ހަވާލުކުރީއެވެ.
ކޮމެންޓު ފޮނުވާ