ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ވާދަނުކުރައްވާނެކަން، މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު މިއަދު އިއުލާންކުރައްވައިފިއެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވެފައިވަނީ، އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މަގާމުން ވަކިކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށް، އެންމެ ފަހު ވަގުތު އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ނާޒިމްގެ އިސްތިއުފާއާއެކު، ފަލާހުގެ އިތުރުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު މި މަގާމަށް ވާދަކުރައްވާނެކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރިއެވެ. ނަމަވެސް، ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ފަލާހު ވަނީ އޭނާ އެ މަގާމަށް ވާދަނުކުރައްވާނެކަން ކަށަވަރުކޮށްދެއްވާފައެވެ.
މަޖިލީހަށް އާ ނައިބު ރައީސަކު އިންތިޚާބު ކުރުމަށް ބާއްވާ ޖަލްސާ ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 9:00 އަށެވެ.
ކޮމެންޓު ފޮނުވާ