ސައުދީ އަރަބިއްޔާގައި މަރުގެ ހުކުމް އިއްވާފައި އޮތް އިންޑިއާގެ ކެރެލާއަށް ނިސްބަތްވާ އަބްދުލް ރަހީމް، އާންމުންގެ އެހީގައި ބޮޑު އަދަދަކުން މަރުގެ ދިޔަ ދެއްކުމަށްފަހު މިނިވަންވެ އޭނާގެ އުފަން ގައުމަށް އެނބުރި ހިނގައްޖެއެވެ.
އުމުރުން އެންމެ 20 އަހަރުގައި ވަޒީފާއަކަށް ސައުދީއަށް ދިޔަ އަބްދުލް ރަހީމް ހައްޔަރުކުރީ 2006 ވަނަ އަހަރުއެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވީ އޭނާ ބަލަހައްޓަމުންދިޔަ ހާއްސަ އެހީއަށް ބޭނުންވާ ސައުދީ ކުއްޖަކު ނޭވާ ހާސްވެގެން ނިޔާވި ހާދިސާއަކާ ގުޅިގެންނެވެ. އެ މައްސަލައިގައި 2018 ވަނަ އަހަރު ސައުދީ ކޯޓަކުން ވަނީ އޭނާ މެރުމަށް ހުކުމްކޮށްފައެވެ.
ނަމަވެސް، އޭނާ ސަލާމަތްވީ މަރުގެ ދިޔައިގެ ގޮތުގައި 15 މިލިއަން ސައުދީ ރިޔާލް (34 ކްރޯޑް އިންޑިއަން ރުޕީސް) ދެއްކުމުންނެވެ. މި ބޮޑު އަދަދު ހަމަކޮށްފައިވަނީ ކެރެލާގެ ރައްޔިތުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މަލަޔާލީން ގުޅިގެން ހިންގި ވަރަށް ބޮޑު ކްރައުޑް ފަންޑިން ކެމްޕޭނެއްގެ ދަށުންނެވެ. ދަންނަ މީހަކަށް ނުވި ނަމަވެސް، މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށް އާންމުން ދެއްކި މި އެއްބައިވަންތަކަމަކީ އިންސާނިއްޔަތުކަމުގެ ވަރަށް ފުރިހަމަ މިސާލެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.
މިނިވަންވެގެން އަބްދުލް ރަހީމް ކެރެލާގެ ކޮޒިކޯޑް އެއާޕޯޓަށް ފޭބުމާއެކު، އޭނާއަށް މަރުހަބާ ކިޔުމަށް އެތައް ހާސް ބަޔަކު އެއްވެފައި ތިއްބެވެ. އޭގެ ތެރޭގައި މަޝްހޫރު ވިޔަފާރިވެރިޔާ ބޮބީ ޗެމަނޫރު ފާހަގަކޮށްލެވެއެވެ. ގިނަ އަހަރުތަކަކަށްފަހު އާއިލާއާއި މައިންބަފައިންނާ ބައްދަލުވުމުން އުފަލުން ރޮމުން އޭނާ ވަނީ އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އޭނާ އެނބުރި ގައުމަށް ދިޔަ ދުވަސް އީދު ދުވަހާ ދިމާވުމުން، މިއީ އާއިލާއަށާއި ރަށުގެ ރައްޔިތުންނަށް ލިބުނު "ޑަބަލް" އީދެއް ކަމަށް އެ މީހުން ވަނީ ސިފަކޮށްފައެވެ.
ކޮމެންޓު ފޮނުވާ