އިބޯލާއާ ގުޅިގެން އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން ހާއްސަ ފޯމެއް ފުރަން މަޖުބޫރުކޮށްފި

އިބޯލާއާ ގުޅިގެން އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން ހާއްސަ ފޯމެއް ފުރަން މަޖުބޫރުކޮށްފި

Author
އަހުމަދު
29 މެއި 2026 06:04
0

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރްސީ) ގައި އިބޯލާ ފެތުރެމުންދާތީ، އިންޑިއާއަށް ދަތުރުކުރާ ހުރިހާ ފަސިންޖަރުން "ސެލްފް ޑެކްލަރޭޝަން ފޯމް" އެއް ފުރުން އެ ގައުމުން މަޖުބޫރުކޮށްފި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މުޅި ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން، އިންޑިއާގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. މިގޮތުން، ބަލިޖެހިފައިވާ މީހުން ދުރާލައި ދެނެގަތުމަށްޓަކައި އެއާޕޯޓުތަކުގައި ތާމަލް ސްކޭނަރު ބޭނުންކޮށްގެން ފަސިންޖަރުން ސްކްރީން ކުރުމާއި، ފްލައިޓް ތެރޭގައި ބައްޔާ ގުޅޭ މައުލޫމާތު ދިނުން ވަނީ އެކުލަވާލި އާ އެސްއޯޕީގެ ދަށުން އެއާލައިންތަކަށް ލާޒިމުކޮށްފަ އެވެ.

މި ބަދަލާ ގުޅިގެން ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ވެސް ވަނީ ދަތުރުވެރިންގެ ސަމާލުކަމަށް މިކަން ގެނެސްފަ އެވެ. އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން މޯލްޑިވިއަންގެ ވެބްސައިޓުން ލިބެން ހުންނަ ސެލްފް ޑެކްލަރޭޝަން ފޯމު ފުރުމަށްފަހު، އިންޑިއާއަށް ގޮސް އެ ގައުމުގެ އިމިގްރޭޝަން އަދި ހެލްތު ކައުންޓަރަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކޮންގޯގައި ފެތުރެމުންދާ އިބޯލާ ވައިރަހުގެ މި ސްޓްރެއިންއަށް އަދި ވަކި ހާއްސަ ވެކްސިނެއް ހޯދިފައި ނުވާއިރު، މިހާތަނަށް މި ބަލީގައި 263 މީހަކު ވަނީ މަރުވެފަ އެވެ. ހަށިގަނޑުން ބޭރުވާ ދިޔައިގެ ޒަރީއާއިން ގައިން ގަޔަށް އަރާ މި ނުރައްކާތެރި ވައިރަހުގެ އަލާމާތްތައް ފެންނަން 21 ދުވަސް ނަގާފާނެ ކަމަށް ސިއްހީ މާހިރުން ލަފާދެއްވަ އެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިންޑިއާއިން މިހާރު ވެސް ވަނީ ބައްޔަށް ޝައްކުކުރެވޭ ބައެއް މީހުން ޓެސްޓުކޮށް، ނަތީޖާ ނެގެޓިވްވި ނަމަވެސް އެމީހުން ކަރަންޓީނުކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.