އިންޑޯ-ޕެސިފިކް ސަރަހައްދުގައި ޗައިނާގެ ނުފޫޒު ކުޑަކުރުމުގެ މަގުސަދުގައި، ކުއަޑް ގްރޫޕުގައި ހިމެނޭ ހަތަރު ގައުމުން ގުޅިގެން ފިޖީގައި އާ ބަނދަރެއް ބިނާކުރުމަށް ނިންމައިފިއެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި، އިންޑިއާ، ޖަޕާން އަދި އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރުން ބޭއްވެވި މުހިންމު ބައްދަލުވުމެއްގައި މިކަމަށް އެއްބަސްވެފައިވާއިރު، މިއީ މި ގައުމުތައް ގުޅިގެން ހިންގާ އުމްރާނީ ތަރައްގީގެ ފުރަތަމަ ބޮޑު މަޝްރޫއެވެ. ރޫބިއޯ ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ބޭނުމަކީ ޕެސިފިކް ޖަޒީރާ ގައުމުތަކަށް ދިމާވެފައިވާ ބަނދަރުގެ ޖާގައިގެ ދަތިކަމަށް، ފެންވަރު ރަނގަޅު އަދި ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުމެވެ.
މީގެ އިތުރުން، ހަކަތައިގެ ރައްކާތެރިކަމާއި، ޓެކްނޮލޮޖީއާއި ދިފާއީ އުފެއްދުންތަކަށް ބޭނުންވާ މުހިންމު މައުދަނުތައް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭ ހާއްސަ އޮނިގަނޑެއްގައިވެސް މި ގައުމުތަކުން ވަނީ ސޮއިކޮށްފައެވެ. ޚާއްސަކޮށް ޗައިނާއިން ބައެއް މައުދަނުތައް ބޭރުކުރުން ހުއްޓާލާފައިވާތީ، މިއީ ޖަޕާނާއި އެމެރިކާ ފަދަ ގައުމުތަކަށް ވަރަށް މުހިންމު ފިޔަވަޅެކެވެ. މި އޮނިގަނޑުގެ ދަށުން މައުދަނުތައް ނެގުމާއި ސާފުކުރުމުގެ އިންވެސްޓްމަންޓްތައް އިތުރުކުރެވި، ސަޕްލައި ޗެއިން އިތުރަށް ވަރުގަދަވެގެންދާނެއެވެ.
މިނިވަން އަދި ހުޅުވާލެވިފައިވާ އިންޑޯ-ޕެސިފިކް ސަރަހައްދެއް އޮތުމުގެ މުހިންމުކަން މި ބައްދަލުވުމުގައި ފާހަގަކޮށްފައިވާއިރު، މިއަހަރުގެ ފަހުކޮޅު ކުއަޑްގެ އިސްވެރިންގެ ސަމިޓެއް ބޭއްވުމަށްވެސް ޑިޕްލޮމޭޓުން ދަނީ މަސައްކަތް ކުރަމުންނެވެ. ކުއަޑްގެ މި ހަރަކާތްތަކަކީ ޗައިނާގެ ކުރިއެރުން ހުއްޓުވުމަށް ގެންގުޅޭ ފިނި ހަނގުރާމައިގެ ވިސްނުމެއް ކަމަށް ބުނެ ޗައިނާއިން ވަނީ މިކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ކޮމެންޓު ފޮނުވާ