މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ކެޕިޓަލް ފައިނޭންސް އިންޓަނޭޝަނަލް (ސީއެފްއައި.ކޯ) ގެ ފަރާތުން ދޭ "އިންޓަގްރޭޓެޑް އިސްލާމިކް ފައިނޭންސް ޗެމްޕިއަން އެވޯޑް" ލިބިއްޖެއެވެ.
އެ ބޭންކަށް މި އެވޯޑް ލިބިފައިވަނީ، ހަރުދަނާ އިސްލާމިކް ބޭންކިންގ އުސޫލުތަކާއި ދެމެހެއްޓެނިވި މާލީ ކުރިއެރުމުގެ ސަބަބުން "ޗެމްޕިއަން އޮފް އިންޓަގްރޭޓެޑް އިސްލާމިކް ފައިނޭންޝަލް ސްޓްރެޓެޖީސް – އިންޑިއަން އޯޝަން" ގެ ގޮތުގައެވެ.
ޖަޒީރާ ގައުމެއްގައި ޚިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތަކާއެކުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމުގައި އެމްއައިބީން ހޯދާފައިވާ ކާމިޔާބީ މި އެވޯޑުގައި ވަނީ ފާހަގަކޮށްފައެވެ. ވަގުތުން އެކައުންޓް ހުޅުވުމާއި އޮންލައިންކޮށް ޚިދުމަތްތައް ހޯދުމުގެ އިތުރުން އަތޮޅުތަކަށް ޚިދުމަތް ފުޅާކުރުމުގައި ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރަމުންދާ މިންވަރު ސީއެފްއައި އިން ފާހަގަކުރިއެވެ.
ސަރުކާރާއި އައިސީޑީގެ އެހީތެރިކަމާއެކު އެމްއައިބީގައި ގާއިމުކޮށްފައިވާ ގަވަރނަންސް އޮނިގަނޑާއި، ޝަރީއާ ކޮމްޕްލަޔަންސް ފްރޭމްވޯކްގެ އިތުރުން ބޯޑު ލެވެލްގެ ނިޒާމުތަކަށްވެސް ވަނީ ތައުރީފުކޮށްފައެވެ.
އެ ބޭންކުން އަމަލުކުރަމުންދަނީ ހަރުދަނާ ޝަރުއީ އުސޫލުތަކާއި ޑިޖިޓަލް އިނޮވޭޝަން ގުޅުވައިދޭ އޮޕަރޭޓިންގ މޮޑެލްއެއްގެ މައްޗަށެވެ. މިދިޔަ އަހަރު އެމްއައިބީގެ ޖުމްލަ އެސެޓް ވަނީ 1.078 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ.
އަތޮޅުތަކުގައި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް އެ ބޭންކުން މެދުކެނޑުމެއްނެތި ކުރަމުން އަންނައިރު، އާބާދީ ބޮޑެތި ރަށްރަށުގައި އިތުރު ބްރާންޗްތަކާއި އޭޓީއެމްތައް އަންނަނީ ގާއިމުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ