ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ލީޑާޝިޕާއި ސެނެޓުގެ ތެރޭގައިވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުނުވާ އެއްވެސް ކަމެއް ނުހިނގާނެ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވެފައިވަނީ، ޕީއެންސީގެ ކޮންގްރެސް ބޭއްވުމުގެ ހުރިހާ އިންތިޒާމުތަކެއް ކުރިއަށް ގެންދިއުމުގެ ބާރު ޕާޓީގެ ލީޑަޝިޕަށް ދިނުމަށް ރައީސް މުއިއްޒު ސެނެޓަށް ހުށަހެޅުއްވި ކަމަށާއި، ނަމަވެސް އެ ހުށަހެޅުން ފާސްނުވެ ބޭރުވިކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކުރުމާ ގުޅިގެންނެވެ. އެ ނޫސްތަކުގައި ބުނެފައިވަނީ ލީޑަޝިޕާ ބާރުތައް ހަވާލުކުރުމުގެ ބަދަލުގައި، އާންމު މެންބަރުން ހިމެނޭ ކޮމިޓީއަކުން އެކަން ކުރިއަށް ގެންދަން ސެނެޓުން ނިންމާފައިވާ ކަމަށެވެ.
މި ވާހަކަތަކަށް ރައްދުދެއްވައި ފަލާހު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނިމިދިޔަ ސެނެޓް ބައްދަލުވުމުގައި ވަކި ކަމެއް ވަކި ގޮތަކަށް ކުރަން ރައީސް މުއިއްޒު ހުށަހަޅުއްވާފައި ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި، މުޅި ބައްދަލުވުމުގައިވެސް ކަންކަން ނިންމެވުމަށް އެމަނިކުފާނު ހުށަހެޅުއްވީ ސެނެޓް މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކަމަށް ފަލާހު ވިދާޅުވިއެވެ. އަދި ރައީސް މުއިއްޒު އަބަދުވެސް އިސްކުރައްވާނީ ޕާޓީގެ އަސާސީ ގަވާއިދާއި ހެދިފައިވާ އުސޫލުތަކުގެ އިތުރުން މަޝްވަރާގެ ރިވެތި ސިފަ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް، ނަން ހާމަނުކުރާ ޕީއެންސީގެ ސެނެޓް މެންބަރަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޮންގްރެސްގެ ކަންކަން ލީޑަޝިޕުން ބޭނުންވާ ގޮތަކަށް ނިންމުމަށް ރައީސް މުއިއްޒު ހުށަހެޅުއްވި ކަމަށާއި، އެ ހުށަހެޅުން ފާސްނުވީ ކަމަށެވެ. ފަލާހު ވަނީ ޕާޓީގެ ތެރޭގައި ރައީސްގެ ނިންމެވުންތަކަށް ފުރިހަމަ ތާއީދު އޮތްކަން ހާމަކޮށްދެއްވާފައެވެ.
ކޮމެންޓު ފޮނުވާ