ވައިޓް ހައުސް ސަރަހައްދުގައި ހަތިޔާރާއެކު ހަމަލާދޭން އުޅުނު މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފި

ވައިޓް ހައުސް ސަރަހައްދުގައި ހަތިޔާރާއެކު ހަމަލާދޭން އުޅުނު މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފި

Author
އަހުމަދު
24 މެއި 2026 07:33
0

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ ސެކިއުރިޓީ ޗެކްޕޮއިންޓެއް ކައިރީގައި ހަތިޔާރާއެކު ސަލާމަތީ އޮފިސަރުންނަށް ހަމަލާދޭން އުޅުނު މީހެއްގެ ގަޔަށް ބަޑިޖަހައި ސީކްރެޓް ސާވިސް އިން އޭނާ މަރާލައިފިއެވެ.

އިއްޔެ އިރުއޮއްސި 6 ޖަހާކަންހާއިރު 17 ވަނަ މަގާއި ޕެންސިލްވޭނިއާ އެވެނިއު ގުޅޭ ހިސާބުގައި ހިނގި މި ހާދިސާގައި، ނަސީރް ބެސްޓް ނަމަކަށް ކިޔާ މީހަކު ވަނީ ކޮތަޅެއްގެ ތެރެއިން ބަޑިއެއް ނަގައި އޮފިސަރުންނަށް އަމާޒުކޮށްފައެވެ. ސީކްރެޓް ސާވިސްއިން މައުލޫމާތު ދޭގޮތުގައި އޮފިސަރުން ދިން ރައްދު ހަމަލާގައި އޭނާ ޒަހަމްވެ، ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައެވެ. މި ހަމަލާބަދަލުކުރުމުގެ ތެރޭގައި އެ ސަރަހައްދުން ދިޔަ އާންމު ރައްޔިތެއްގެ ގަޔަށްވެސް ވަޒަން އަރާފައިވާއިރު، އެއީ ކޮން ފަރާތަކުން ޖެހި ވަޒަނެއްކަން އަދި ކަށަވަރެއް ނުވެއެވެ.

ތަހުގީގުކުރާ އިދާރާތަކުން ހާމަކުރާ ގޮތުގައި، ހަމަލާދިން ނަސީރަކީ ނަފްސާނީ ބަލިމަޑުކަމެއް ތަހައްމަލުކުރަމުންދިޔަ އަދި ކުރިންވެސް ގާނޫނީ މައްސަލަތަކެއް އޮތް މީހެކެވެ. ބަޑީގެ ހަމަލާތައް ބަދަލުކުރެވުނު ވަގުތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި ހުންނެވި ނަމަވެސް، އެމަނިކުފާނަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެފައެއް ނުވެއެވެ.

ގާތްގަނޑަކަށް 20 އާއި 30 އާ ދެމެދުގެ އަދަދަކަށް ބަޑީގެ އަޑު އިވުނު މި ހާދިސާއާ ގުޅިގެން ވައިޓް ހައުސް ވަގުތުން ލޮކްޑައުން ކުރެވުނެވެ. އަދި އެ ވަގުތު އެ ސަރަހައްދުގައި ތިބި ނޫސްވެރިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބްރީފިން ރޫމް ތެރެއަށް ވައްދާފައެވެ. މި ލޮކްޑައުން އުވާލާފައިވަނީ ހަމަ އެރޭ 6:46 ހާއިރުއެވެ.

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް ވިދާޅުވި ގޮތުގައި، އެފްބީއައި އާއި ސީކްރެޓް ސާވިސް އަދި މެޓްރޯޕޮލިޓަން ޕޮލިސް ގުޅިގެން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ހާދިސާ ހިނގި ސަރަހައްދަކީ އާންމުންނަށް ހުޅުވާލެވިފައިވާ ތަނަކަށް ވުމާއެކު، އެ ސަރަހައްދުގެ ސަލާމަތީ ކަންކަން މިހާރު ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.