ވ. އަތޮޅު ޑައިވިންގ ހާދިސާ: ޑޭންގެ ހޯދުންތަކުގެ ފުރަތަމަ ރިޕޯޓުން ލަފާކޮށްފައިވަނީ، ޑައިވަރުންނަށް ނުކުންނާނެ މަގު ނުހޯދި މަގު އޮޅުނީ ކަމަށް!

ވ. އަތޮޅު ޑައިވިންގ ހާދިސާ: ޑޭންގެ ހޯދުންތަކުގެ ފުރަތަމަ ރިޕޯޓުން ލަފާކޮށްފައިވަނީ، ޑައިވަރުންނަށް ނުކުންނާނެ މަގު ނުހޯދި މަގު އޮޅުނީ ކަމަށް!

Author
އަހުމަދު
24 މެއި 2026 07:25
0

ވ. އަތޮޅުގައި އިޓަލީގެ ފަތުރުވެރިންތަކަކަށް ދިމާވި ހިތާމަވެރި ޑައިވިންގ ހާދިސާއާ ގުޅިގެން ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން) އިން ފުރަތަމަ ރިޕޯޓެއް އާންމުކޮށްފިއެވެ.

މި ރިޕޯޓު އެކުލަވާލާފައިވަނީ މެއި 18 އިން 21 އަށް 'ދެކުނު ކަނޑު' ނުވަތަ 'ތިންވަނަ ކަނޑު' ހޮހަޅައިގައި ކުރިއަށްގެންދިޔަ 4 ދުވަހުގެ ބައިނަލްއަޤްވާމީ ސަރޗް އެންޑް ރިކަވަރީ އޮޕަރޭޝަނަށް ފަހުގައެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)، މޯލްޑިވްސް ޕޮލިސް ސަރވިސް، ޑޭން ޔޫރަޕް، ލޯކަލް ޕާޓްނަރުން، ފިންލޭންޑުގެ ޓެކްނިކަލް ޑައިވިންގ ޓީމެއް އަދި އިޓަލީގެ ފޮރިން މިނިސްޓްރީ ގުޅިގެންނެވެ.

ފުރަތަމަ ހޯދުންތަކުން ދައްކާގޮތުގައި، އޮޕަރޭޝަން ފެށިގެން ފުރަތަމަ ދުވަހު ވަނީ ގެއްލުނު ޑައިވަރުން ހޮހަޅައިގެ ތެރެއިން ހޯދާފައެވެ.

ޖެހިގެން އައި ދެ ދުވަހު، ވަރަށް އުނދަގޫ އަދި ނުރައްކާތެރި މާހައުލެއްގައި ޓީމުތަކުން ވަނީ އެމީހުންގެ ހަށިގަނޑުތައް ނަގާފައެވެ. އަދި ފަހު ދުވަހު ހޮހަޅައިގައި ހުރި ހުރިހާ އާލާތްތަކެއް ނަގައި ކަމާބެހޭ ފަރާތްތަކާ ވަނީ ހަވާލުކޮށްފައެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުން އެ ހޮހަޅައަކީ ވަރަށް ނުރައްކާތެރި ތަނެކެވެ. ފުރަތަމަ ބޮޑު ބަޔަކަށް ވަނުމަށްފަހު ދެން ދެވެނީ މުޅިން އަނދިރި އަދި ވެލިގަނޑެއް އޮންނަ ބަޔަކަށެވެ. ވެލިގަނޑު ހެލިއްޖެނަމަ އެއްގޮތަކަށްވެސް ނުފެންނަ ވަރަށް ފެންގަނޑު ކިލަނބުވެ، ޑައިވަރުންނަށް ނުރައްކާތެރި ހާލަތެއް މެދުވެރިވެއެވެ.

މީހުން ހޯދުމުގެ ތެރޭގައި، ދެވަނަ ބަޔާ ގުޅިފައިވާ އެހެން ޓަނަލެއް ޓީމުތަކަށް ފެނުނެވެ. ގެއްލުނު ހަތަރު ޑައިވަރުންވެސް ފެނިފައިވަނީ މި ހިސާބުންނެވެ.

ލިބިފައިވާ ހެކިތަކަށް ބިނާކޮށް ރިޕޯޓުގައި ލަފާކޮށްފައިވަނީ، ޑައިވަރުންނަށް ނުކުންނާނެ މަގު ނުހޯދުނީ ކަމަށާއި، ބޮޑަށް ބެލެވެނީ ހޮހަޅައިގެ ތެރޭގައި މަގު އޮޅުނީ ކަމަށެވެ.

ނަމަވެސް، މި ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު ކަނޑައަޅާނީ ތަހުގީގުކުރާ ކަމާބެހޭ ފަރާތްތަކުން ކަމަށް ޑޭން އިން ފާހަގަކުރިއެވެ. އަދި މިކަމާ ގުޅޭގޮތުން ތަފާތު ވާހަކަތައް ނުފެތުރުމަށާއި، ނިޔާވި މީހުންނާއި އެމީހުންގެ އާއިލާތަކަށް އިހުތިރާމް ކުރުމަށް އެ ޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ޚާއްސަ ހުއްދައާއި، ކޭވް-ޑައިވިންގ ތަމްރީނާއި އަދި އެކަށީގެންވާ ޓެކްނިކަލް އާލާތްތައް ނެތި މި ހޮހަޅައަށް ނުވަނުމަށް ޑޭން އިން ވަނީ އިންޒާރުދީފައެވެ.

މި އޮޕަރޭޝަން ނިންމާލާފައިވަނީ މި ހިތާމަވެރި ހާދިސާގައި ނިޔާވި 6 މީހުންގެ ހަނދާން އާކުރުމާއެކުގައެވެ. އޭގެ ތެރޭގައި އިޓަލީގެ 5 ޑައިވަރުންނާއި، މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަންގެ ތެރޭގައި ނިޔާވި އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.