ދުނިޔޭގެ ބާޒާރުގެ ނުތަނަވަސްކަމާއެކު އިންޑިއާއިން ތެލުގެ އަގު އަނެއްކާވެސް މައްޗަށް

ދުނިޔޭގެ ބާޒާރުގެ ނުތަނަވަސްކަމާއެކު އިންޑިއާއިން ތެލުގެ އަގު އަނެއްކާވެސް މައްޗަށް

Author
އަހުމަދު
23 މެއި 2026 11:26
0

އީރާނުގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއެކު، އިންޑިއާގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުން މި މަހުގެ ތެރޭގައި ތިންވަނަ ފަހަރަށް ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި އެވެ.

މި ގެނެވުނު ބަދަލާއެކު ވެރިރަށް ނިއުދިއްލީގައި ޕެޓްރޯލް ލިޓަރެއްގެ އަގު 99.51 ރޫޕީސްއަށް އަދި ޑީސަލް ލިޓަރެއްގެ އަގު 92.49 ރޫޕީސްއަށް ވަނީ އުފުލިފަ އެވެ. މިއީ މި މަހުގެ ތެރޭގައި ގެނައި ބަދަލުތަކާއެކު ޖުމްލަ 5 ރޫޕީސްއާ ގާތްކުރާ މިންވަރެއްގެ ކުރިއެރުމެކެވެ. ދުނިޔޭގައި ތިންވަނައަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ އިންޑިއާއިން، ވޭތުވެދިޔަ ހަތަރު އަހަރު ދުވަހު ތެލުގެ އަގަށް ބަދަލެއް ނުގެނެސް ހިފަހައްޓާފައި އޮތުމަށްފަހު އަގުތައް މުރާޖަޢާކުރަން ފެށީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ތެލުގެ އަގު ބޮޑުކުރުން ލަސްކުރީ ދާދިފަހުން ނިމުނު ސްޓޭޓް އިންތިހާބުތަކާ ގުޅިގެންނެވެ. ނަމަވެސް 2022 ވަނަ އަހަރުގެ އިންތިހާބަށްފަހު އަމަލުކުރި އުސޫލުން، އަގުތައް މަޑުމަޑުން ފިޔަވަހިތަކަކަށް ބަހާލައިގެން ބޮޑުކުރަމުން ދިޔަސް، ތެޔޮ ސާފުކުރާ ކުންފުނިތަކަށް އަދިވެސް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.

ބާރަތު ޕެޓްރޯލިއަމްގެ ޗެއާމަން ހާމަކުރެއްވި ގޮތުގައި ޑީސަލް ލިޓަރަކުން 25 އާއި 30 ރޫޕީސްއާ ދެމެދުގެ ގެއްލުމަކާ އަދި ޕެޓްރޯލް ލިޓަރަކުން 10 އާއި 14 ރޫޕީސްއާ ދެމެދުގެ ގެއްލުމަކާ އެ ކުންފުނިން ދަނީ ކުރިމަތިލަމުންނެވެ. އެހެންނަމަވެސް، އިންޑިއާގެ އޮއިލް މިނިސްޓްރީން ވަނީ މި ކުންފުނިތަކަށް މާލީ އެހީތެރިކަން ދިނުމުގެ ވިސްނުމެއް ސަރުކާރުގެ ނެތްކަން ހާމަކޮށްފަ އެވެ. އިންޑިއާގެ %90 އަށްވުރެ ގިނަ ތެޔޮ ސްޓޭޝަންތައް ހިންގަނީ އިންޑިއަން އޮއިލް ކޯޕަރޭޝަނާއި ބާރަތު ޕެޓްރޯލިއަމް އަދި ހިންދުސްތާން ޕެޓްރޯލިއަމް ފަދަ ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.