ގިނަ އަދަދެއްގެ ބަނގުރާއާއެކު ދިވެހި ޒުވާނަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

ގިނަ އަދަދެއްގެ ބަނގުރާއާއެކު ދިވެހި ޒުވާނަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

Author
އަހުމަދު
22 މެއި 2026 09:47
0

ބަނގުރާ ގެންގުޅުމުގެ ތުހުމަތުގައި 23 އަހަރުގެ ދިވެހި ޒުވާނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ނ. ކެނދިކުޅުދޫ، ކުޅުދޫގުލްފާމްގެ، ޒަޔާން ޔޫސުފް (23އ) އެވެ. މާލޭގައި ދިރިއުޅެމުންދާ މި ޒުވާނާ ހައްޔަރުކޮށްފައިވަނީ އޭނާ ގެންގުޅުނު ކަޅު ކުލައިގެ ދެ ކޮތަޅެއް ބަލައިފާސްކުރިއިރު، އޭގެ ތެރެއިން 'ކޮރޯނާ އެކްސްޓްރާ' ބްރޭންޑްގެ ދެ ކޭސް ފެނުމާ ގުޅިގެންނެވެ. އެ ދެ ކޭހުގައި ބަނގުރާ ކަމަށް ޝައްކުކުރެވޭ 48 ފުޅި ހުރިކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ފުލުހުން ސުވާލުކުރުމުން އެއީ ބުއިމަށް ގެންގުޅޭ ތަކެތި ކަމަށް ޒަޔާން ވަނީ އެއްބަސްވެފައެވެ. އެހެންނަމަވެސް، އަތުލައިގަތް ބަނގުރާގެ އަދަދު ގިނަކަމުން، މިއީ ވިޔަފާރީގެ ބޭނުމަށް ގެންގުޅުނު ތަކެތިކަމަށް ބެލެވޭތީއާއި މީގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެތީ ކޯޓުން ވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް ނިންމާފައެވެ. ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް އޭނާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ދެއްވާފައިވަނީ ގާނޫނީ ވަކީލަކު އައްޔަންކުރުމަށް އޭނާ އެދިފައިވާތީ އެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.