ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން، ރަށްރަށާއި ސިޓީތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުންނަށް ދިނުމަށް ކަނޑައެޅި މުސާރަ ޕޭ ކޮމިޝަނުން އަނެއްކާވެސް ކުޑަކޮށްފިއެވެ.
އެންމެ ފަހުން ގެނައި ބަދަލާއެކު، ސިޓީތަކުގެ އަންހެނުންގެ ކޮމިޓީގެ ރައީސުންނަށް މިހާރު ކަނޑައަޅާފައިވަނީ މަހަކު 20،000 ރުފިޔާއެވެ. އަދި ރަށްރަށުގެ ކޮމިޓީތަކުގެ ރައީސުންގެ މުސާރަ ވަނީ 15،000 ރުފިޔާއަށް ކުޑަކޮށްފައެވެ. މީގެ ކުރިން ޕޭ ކޮމިޝަނުން ފުރަތަމަ ނިންމާފައި އޮތީ ސިޓީތަކުގެ ރައީސުންނަށް 41،500 ރުފިޔާ އަދި ރަށްރަށުގެ ރައީސުންނަށް 21،000 ރުފިޔާ ދިނުމަށެވެ. ނަމަވެސް އެ އަދަދުތައް ކައުންސިލަރުންނާއި ކައުންސިލް ރައީސުންނަށް ވުރެ ބޮޑުވުމުން އާންމުންގެ ފާޑުކިޔުން ބޮޑުވެ، އޭގެ ފަހުން ސިޓީތަކުގެ ރައީސުންގެ މުސާރަ 33،000 ރުފިޔާއަށް ކުޑަކުރިއެވެ. އަދި މިއަދު މިވަނީ ދެވަނަ ފަހަރަށް މުސާރަތައް މުރާޖަޢާކޮށް، ރަށްރަށުގެ ރައީސުންގެ މުސާރައިން ވެސް ބޮޑު އަދަދެއް އުނިކޮށްފައެވެ.
ރައީސުންގެ މުސާރައަށް ބަދަލުތަކެއް ގެނައި ނަމަވެސް، ކޮމިޓީގެ އެހެން މެންބަރުންގެ މުސާރައަށް މިފަހަރުވެސް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އެގޮތުން ކުރިއެކޭވެސް އެއްގޮތަށް ސިޓީތަކުގެ ޑަބްލިއުޑީސީ ނައިބު ރައީސުންނަށް 7،000 ރުފިޔާ އަދި މެންބަރުންނަށް 6،000 ރުފިޔާ ލިބޭއިރު، ރަށްރަށުގެ ނައިބު ރައީސުންނަށް ލިބެނީ 6،000 ރުފިޔާއެވެ. އަދި ރަށްރަށުގެ މެންބަރުންނަށް ލިބެނީ 5،000 ރުފިޔާއެވެ.
އެންމެ ފަހުން ނިމިދިޔަ ކައުންސިލުތަކުގެ ދައުރަށް ބަލާއިރު، ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންނަށް މުސާރައިގެ ގޮތުގައި ލިބުނީ 7،000 ރުފިޔާއެވެ. އަދި ރަށްރަށުގެ ރައީސުންނަށް ލިބުނީ 6،000 ރުފިޔާއެވެ. އެހެންކަމުން، މިހާރު ގެނައި ބަދަލާއެކު ކުޑަކުރި ނަމަވެސް، މިއީ ކުރީ ދައުރާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
ކޮމެންޓު ފޮނުވާ