ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމުގެ ސަބަބުން، ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން މަޢުލޫމާތު ދޭގޮތުގައި، ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އާންމު ވައިގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެއެވެ. އަދި މިރެޔާއި މާދަމާވެސް މި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ވަނީ ލަފާކޮށްފައެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވެސް މި ސަރަހައްދުތަކަށް ވިއްސާރަކޮށްފައިވާއިރު، އެންމެ ގިނައިން ވާރޭވެހިފައިވަނީ އިތޮއްޑޫއަށެވެ. އެ ރަށަށް 144 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ، ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެ އިދާރާއިން ވަނީ އަންގާފައެވެ.
ކޮމެންޓު ފޮނުވާ