ބޭސް ނުލިބޭ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މިދިޔަ އަހަރު އުފެއްދި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކުންފުނީގެ ފުރަތަމަ ބޭސް ފިހާރަ، 24 ގަޑިއިރު ޚިދުމަތްދޭ ގޮތަށް އައިޖީއެމްއެޗްގައި މިއަދު ހުޅުވައިފި އެވެ.
ކުރިން ލައިފް ސަޕޯޓު ފާމަސީ ހިންގި ތަނުގައި، އައިޖީއެމްއެޗްގެ އޯޕީޑީ ސަރަހައްދުގައި މިއަދު ހުޅުވި މި ބޭސް ފިހާރަ ހުޅުވައިދެއްވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމާއި ސްޓޭޓް ފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރެވެ.
ސްޓޭޓް ފާމާއިން ނެރުނު ބަޔާނެއްގައި ބުނީ، މެދުކެނޑުމެއް ނެތި ބޭސް ފޯރުކޮށްދިނުމުގެ ގޮތުން މި ފާމަސީ ހުންނާނީ 24 ގަޑިއިރު ހުޅުވާފައި ކަމަށާއި، މިއީ އާންމުންނަށް ފެންވަރު ރަނގަޅު ބޭހާއި ސިއްހީ އާލާތްތައް ފޯރުކޮށްދިނުމުގެ މަސައްކަތުގައި ހާސިލްކުރި މުހިއްމު ކުރިއެރުމެއް ކަމަށެވެ. އާންމުކޮށް ވިއްކާ ބޭސްތަކާއި ބޭސް ސިޓީތަކަށް ބޭސް ދޫކުރުމުގެ އިތުރުން، ރާއްޖެއިން ނުލިބޭ ބޭސްތައް ބޭރުން ހޯދައި އާންމުންނަށް ފޯރުކޮށްދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންނަށް ބޭނުންވާ ބޭހާއި ސިއްހީ އާލާތްތައް ވެސް ވަރަށް އަވަހަށް ފޯރުކޮށްދޭން ފަށާނެ ކަމަށް ބަޔާނުގައިވެ އެވެ.
ރާއްޖެއަށް ބޭނުންވާ ބޭހާއި މެޑިކަލް ކޮންސިއުމަބްލްސް ގެނައުމުގެ ޒިންމާ މިހާތަނަށް އޮތީ އެސްޓީއޯއަށެވެ. ނަމަވެސް ބޭސް ނުލިބޭ މައްސަލަ ހައްލުކުރުމުގެ މަގްސަދުގައި ސަރުކާރުން ވަކި ކުންފުންޏެއްގެ ގޮތުގައި ސްޓޭޓް ފާމާ އުފެއްދީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެ ހުރިހާ މަސައްކަތެއް އާ ކުންފުނީގެ ދަށަށް ފުރިހަމައަށް ބަދަލުވާނީ އަންނަ ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކަމަށާއި، އެ މުއްދަތުގެ ތެރޭގައި އެސްޓީއޯގެ ހުރިހާ ފާމަސީއެއް ވެސް ސްޓޭޓް ފާމާގެ ދަށަށް ބަދަލުކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ކޮމެންޓު ފޮނުވާ