ދައުލަތުން މިފްކޯއަށް ކޮންމެ އަހަރަކު ދެމުން ގެންދިޔަ ސަބްސިޑީ ހުއްޓާލައި، އެ ކުންފުނި އަމިއްލަ ފައިމައްޗަށް ތެދުވެ ހިންގަން ފަށާފައިވާކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު ހޭދައެއްކޮށްގެން، ރައްޔިތުންނަށް ބުރަބޮޑުވާ ގޮތަށް ކުންފުނި ހިންގުމަކީ ކުރަންޖެހޭނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެހެންކަމުން ދައުލަތުގެ މާލިއްޔާއަށް އޮތް ބުރަ ކުޑަކުރުމުގެ ގޮތުން ސަރުކާރުން މިހާރު ވަނީ އެ އުސޫލު ބަދަލުކޮށްފައެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސް ގަތުމަށް ފިނޭންސް މިނިސްޓްރީން ކޮންމެ ކިލޯއަކަށް 13 ރުފިޔާގެ މަގުން ސަބްސިޑީ ދެމުން ގެންދިޔައެވެ. މިއީ އަހަރެއްގެ މައްޗަށް ބަލާނަމަ 1.1 ބިލިއަން ރުފިޔާގެ ބޮޑު ހޭދައެކެވެ. ނަމަވެސް ކުންފުންޏަށް ގެނެވުނު އިސްލާހީ ބަދަލުތަކާއެކު އެކަން ހުއްޓާލާފައިވާއިރު، މިހާރު ސަބްސިޑީ ދެމުން ގެންދާނީ ހަމައެކަނި މަސްވެރިންނަށް ވިއްކާ ތެލަށް އެކަނި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވި ގޮތުގައި، އެހެން ކުންފުނިތަކެކޭ އެއްފަދައިން މިފްކޯއިން ވެސް މިހާރު އެފްއެސްއެމް މެދުވެރިކޮށް ތެޔޮ ގަންނަމުންދަނީ އާންމު ރޭޓުގައެވެ. އަދި މިއަދު މިފްކޯއަށް އެކަން ކުރެވެނީ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅުތަކުގެ ސަބަބުންކަން އޭނާ ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ