ބޮޑުތަކުރުފާނު މަގު ތަރައްޤީކުރާ ގޮތް ރައީސް ބައްލަވާލައްވައިފި

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރާ ގޮތް ރައީސް ބައްލަވާލައްވައިފި

Author
އަހުމަދު
18 މެއި 2026 06:10
0

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.

މާލޭގެ އުތުރުފަރާތު ބޮޑުތަކުރުފާނު މަގަށް ރައީސް މިއަދު ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢުދީ އާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދުގެ އިތުރުން އެ ކުންފުނީގެ އިސްވެރިންނެވެ. މި ޒިޔާރަތުގައި ރައީސް ވަނީ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް ދޭކުން ފެށިގެން ފަހަކާ ހަމައަށް މަސައްކަތް ގޮސްފައިވާ ހިސާބު ވަޒަންކުރައްވައި، ކުންފުނީގެ އިސްވެރިންގެ ފަރާތުން މަޝްރޫޢުގެ ފަހުގެ މަޢުލޫމާތުތައް އޮޅުންފިލުއްވާފައެވެ.

މި މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ ނިންމާފައިވަނީ އެމްއެމްއޭ ސަރަޙައްދުން ފެށިގެން ރަސްމީ ފާލަމާ ދެމެދު ފަޅުތެރެއިން ބައެއް ހިއްކައިގެން ހަތަރު ލޭނަށް މަގު ފުޅާކޮށް ތާރުއެޅުމުގެ މަސައްކަތެވެ. އެ ސަރަޙައްދުގެ މަސައްކަތް ނިންމައި މިދިޔަ ޑިސެމްބަރު މަހު ހުޅުވާފައިވާއިރު، އެމްއެމްއޭ އިން ފެށިގެން އަތޮޅު ފިހާރަތަކާ ހަމައަށް ހަދައި ނިންމައި ހުޅުވީ މިދިޔަ ފެބްރުއަރީ މަހުގައެވެ. މިހާރު ކުރިއަށްދާ މަސައްކަތުގެ ތެރެއިން ޖުމްލަ 700 މީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކުރިމަތިން ބޮޑު ސަރަޙައްދެއް ހިއްކައިގެން ޕާކިންގ ޒޯނެއް ހެދުމަށްވެސް ވަނީ ނިންމާފައެވެ.

އެމްޓީސީސީން މަޢުލޫމާތުދޭ ގޮތުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ސެގްމެންޓް 1، 2 އަދި 3 ގައި އަންނަ މަހުގެ ތެރޭގައި ތާރުއަޅަން ފަށާނެއެވެ. އަދި އެ ކުންފުނީގެ އަމާޒަކީ އަންނަ ޖުލައި މަހުގެ ތެރޭގައި މުޅި މަސައްކަތް އެއްކޮށް ނިންމައި އާންމުންނަށް ހުޅުވާލުމެވެ. މި މަޝްރޫޢު އެއްކޮށް ނިމުމުން ބޮޑުތަކުރުފާނު މަގަކީ ޒަމާނީ ފެންހިންދާ ނިޒާމާއެކު ފުޅާކުރެވި، ޓްރެފިކަށް ލުއިފަސޭހަވެގެންދާނެ، އަދި ހިނގާ މީހުންނާއި ދުއްވާ އުޅަނދުތަކަށްވެސް ނުހަނު ހިތްފަސޭހަ މަގަކަށް ވެގެންދާނެކަމަށް އެމްޓީސީސީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.