މުޒާހަރާއިން ހައްޔަރުކުރި ޝާމިން އާއި މުޝައްފައުގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި

މުޒާހަރާއިން ހައްޔަރުކުރި ޝާމިން އާއި މުޝައްފައުގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި

Author
އަހުމަދު
17 މެއި 2026 09:10
0

އިދިކޮޅު އެމްޑީޕީން މާލޭގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކުރި މުހައްމަދު ޝާމިން އާއި އަލީ މުޝައްފައުގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން އިތުރު 15 ދުވަސް ޖަހައިފިއެވެ.

އެ ދެމީހުންގެ ބަންދަށް މުއްދަތު އިތުރުކުރިކަން ހާމަކުރައްވައި އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މައުރޫފް ވިދާޅުވީ، މައްސަލަ ބެއްލެވި ގާޒީ އަލީ އާދަމް ދިފާއީ ވަކީލުންގެ ވާހަކަތަކަށް ރިއާޔަތްކުރެއްވުމުގެ ބަދަލުގައި އަމުރު ނެރުއްވީ ފުލުހުން އެދުނު ގޮތަށް ކަމަށެވެ. އަދި އެ މީހުން ބަންދުގައި ބައިތިއްބަންޖެހޭ ފަދަ ނުރައްކާތެރި ހާލަތެއް މުޖުތަމައުގައި އޮތްކަން ނުވަތަ ފިލައިގެން ހިނގައިދާނެކަމުގެ އެއްވެސް ހެއްކެއް ފުލުހުންނަށް ޝަރީއަތުގައި ކަށަވަރުކޮށްދެވިފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝާމިން އާއި މުޝައްފައު ހައްޔަރުކޮށްފައިވަނީ ގާނޫނާ ޚިލާފަށް އެއްވެ، އާންމު ދަތުރުފަތުރާއި ވިޔަފާރިތަކަށް ދަތިވާގޮތަށް އަމަލުކޮށް، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައެވެ.

މިފަހުން އެމްޑީޕީ އާއި ޕީއެންއެފް ގުޅިގެން ކުރިއަށްގެންދާ މި މުޒާހަރާތަކަކީ ނޫސްވެރިންގެ ހައްގުތައް ހިމާޔަތްކުރުމަށާއި، ބަންދުކޮށްފައިވާ 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުޙައްމަދު ޝަހްޒާނާއި ލީވާން ނާސިރު މިނިވަންކުރުމަށް ގޮވާލައި ކުރިއަށްގެންދާ ހަރަކާތެކެވެ. މި މުޒާހަރާތަކަށް ފުލުހުން ހުރަސްއަޅަމުންދާއިރު، ފުލުހުން ވަނީ ލިޔުމުން ހޯދަންޖެހޭ ހުއްދައަކާ ނުލައި ބާއްވާ އެއްވުންތައް ރޫޅާލައި، އެކަންކަން އިންތިޒާމުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.