ޑީއާރުސީގެ އިބޯލާ ރޯގާ: ޑަބްލިއުއެޗްއޯ އިން ބައިނަލްއަގުވާމީ ސިއްހީ ނުރައްކަލުގެ އެލާޓް ނެރެފި

ޑީއާރުސީގެ އިބޯލާ ރޯގާ: ޑަބްލިއުއެޗްއޯ އިން ބައިނަލްއަގުވާމީ ސިއްހީ ނުރައްކަލުގެ އެލާޓް ނެރެފި

Author
އަހުމަދު
17 މެއި 2026 10:18
0

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) ގައި ހަލުވިކަމާއެކު ފެތުރެމުންދާ އިބޯލާ ރޯގާގައި 88 މީހުން މަރުވުމާ ގުޅިގެން، މިއީ ބައިނަލްއަގުވާމީ ސިއްހީ ނުރައްކަލެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅައިފި އެވެ.

މިފަހަރު ފެތުރެމުންދަނީ އިބޯލާގެ "ބުންޑިބުގްޔޯ" ސްޓްރެއިން ކަމަށްވާއިރު، މިއަށް ހާއްސަ ވެކްސިނެއް އަދި ފަރުވާއެއްވެސް މިހާތަނަށް ހޯދިފައެއް ނުވެއެވެ. ޑީއާރުސީގެ ހެލްތު މިނިސްޓަރު ސެމިއުލް-ރޮޖާ ކަމްބާ ވިދާޅުވި ގޮތުގައި މި ވައްތަރުގެ ވައިރަސް ޖެހޭ މީހުންގެ ތެރެއިން ގާތްގަނޑަކަށް 50 އިންސައްތަ މީހުން މަރުވެއެވެ. މިހާރު ލިބެން ހުރި ވެކްސިންތަކަކީ ހަމައެކަނި 1976 ވަނަ އަހަރު ފެނުނު "ޒަޔަ" ސްޓްރެއިންއަށް ހާއްސަ ވެކްސިންތަކެކެވެ.

އެފްރިކާ ސީޑީސީގެ ތަފާސްހިސާބުތައް ދައްކާގޮތުން ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 336 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. އަވަށްޓެރި ޔުގެންޑާއިންވެސް މި ބަލީގައި މީހަކު މަރުވެފައިވާއިރު، ބަލި ފެތުރެމުންދާ އިތޫރީ ޕްރޮވިންސުގައި ބަލިމީހުން އެކަހެރިކުރާނެ އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން ގިނަ ބަޔަކު މަރުވަމުންދަނީ އަމިއްލަ ގޭގައެވެ. އަދި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން އާއިލާތަކުން އަމިއްލައަށް ކުރަންޖެހުމަކީ ބަލި އިތުރަށް ފެތުރުމަށް މަގުފަހިވާ ކަމެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިންޒާރުދީފައެވެ.

މި އައުޓްބްރޭކްގެ އެންމެ ފުރަތަމަ ކޭސް ފެނިފައިވަނީ މިދިޔަ އެޕްރީލް މަހުގެ 24 ވަނަ ދުވަހުއެވެ. އެއީ އިތޫރީގެ ވެރިރަށް ބޫނިއާގެ ސިއްހީ މަރުކަޒަކަށް ފަރުވާ ހޯދަން ދިޔަ ނަރުހެކެވެ. ހުން އައުމާއި، ހޮޑުލުމުގެ އިތުރުން ހަށިގަނޑުގެ އެކި ގުނަވަންތަކުން ލޭއައުމަކީ މި ބަލީގެ މައިގަނޑު އަލާމާތްތަކެވެ. ބަލިޖެހިފައިވާ މީހެއްގެ ލޭ ނުވަތަ ހަށިގަނޑުން ބޭރުވާ ދިޔައިގެ ޒަރީއާއިން ފެތުރޭ މި ބަލީގެ އަލާމާތްތައް ފެންނަން 21 ދުވަސް ނަގާފާނެއެވެ.

މިއީ ޑީއާރުސީއަށް އިބޯލާގެ ނުރައްކާ ކުރިމަތިވި 17 ވަނަ ފަހަރެވެ. ބަލިޖެހިފައިވާ މީހުންގެ އަސްލު އަދަދު މިހާރު ރިޕޯޓްކުރެވިފައިވާ ވަރަށްވުރެ މާ ބޮޑަށް އިތުރުވުމުގެ ފުރުސަތު އޮތްކަމަށް ޑަބްލިއުއެޗްއޯއިން ލަފާކުރާއިރު، ޑޮކްޓާސް ވިތައުޓް ބޯޑާސް (އެމްއެސްއެފް) ފަދަ ޖަމްއިއްޔާތަކުން ދަނީ އެ ސަރަހައްދަށް ސިއްހީ އެހީތެރިން ފޮނުވައި، ފުޅާ ދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޑީއާރުސީގެ ދަތުރުފަތުރުގެ ނިޒާމު އޮތްގޮތުން ބޭހާއި އެހެނިހެން ސާމާނު ފޯރުކޮށްދިނުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.