ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި ހައްޔަރުކުރި މީހުން މި ސަރުކާރުން ދޫކޮށްލި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ވާހަކަފުޅަކީ ކަނޑައެޅިގެން ދޮގެއްކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
ކުރީގެ ތިން ރައީސުން ބައިވެރިވެވަޑައިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ، ރިލްވާންގެ މައްސަލައިގައި ތުހުމަތުކުރެވޭ ބަޔަކު މި ސަރުކާރުން މިނިވަންކޮށްފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ. އެކަމަށް ރައްދު ދެއްވައި އުޝާމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރި މީހުން ބަންދުން ދޫކޮށްލާފައިވަނީ ސީދާ ރައީސް ސޯލިހުގެ ވެރިކަމުގައެވެ.
އެގޮތުން، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް އެ މީހުން ދޫކޮށްލާފައިވާއިރު، އޭގެ ތެރެއިން އެންމެ ފަހުން ބަންދުގައި ހުރި މީހާ ވެސް ދޫކޮށްލާފައިވަނީ 19 ސެޕްޓެމްބަރު 2023 ގައި ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.
މީގެ އިތުރުން އުޝާމް ވިދާޅުވީ، ކަން ހިނގާފައިވާ ގޮތް ވަރަށް ސާފުކޮށް ފެންނަން އޮތްވައި، އާންމު ރައްޔިތުންނަށް އޮޅޭގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ދެއްކެވުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ