ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިޚާބުގައި ބާތިލުކޮށްފައިވާ ވޯޓެއް ސައްހަކަމަށް ހައިކޯޓުން ކަނޑައެޅުމުން، ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވެ އިންތިޚާބު އަލުން ބާއްވަން ޖެހިއްޖެއެވެ.
މިދިޔަ އެޕްރީލް މަހު ބޭއްވި އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމާއި އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދު ވާދަކުރެއްވިއިރު، ފުރަތަމަ އިލެކްޝަންސް ކޮމިޝަނުން ނިންމީ އެންމެ ވޯޓެއްގެ ތަފާތުން ޝާހިދު މޮޅުވި ކަމަށެވެ. ނަމަވެސް، ސުހާއަށް ލިބެންޖެހޭ ދެ ވޯޓެއް ބާތިލުކޮށްފައިވާކަމަށް ބުނެ ހައިކޯޓަށް މައްސަލަ ހުށަހެޅުމުން، ކޯޓުން ނިންމި ނިންމުމާއެކު މިހާރު ދެ ކެންޑިޑޭޓުންނަށްވެސް ވަނީ ހަމަހަމަކޮށް 392 ވޯޓު ލިބިފައެވެ.
ހައިކޯޓުން ނިންމީ އީސީން ބާތިލުކުރި ދެ ވޯޓުގެ ތެރެއިން އެއް ކަރުދާހަކީ ސައްހަ ވޯޓެއް ކަމަށެވެ. އެއީ ފާހަގަ ޖެހުމަށްފަހު ގަލަމުން ފަވާފައި އިން ނަމަވެސް، އިތުރު ކުރެހުމެއް ނެތުމުން ވޯޓުލީ މީހާގެ މަގުސަދު ސާފުކޮށް އެނގެން އޮތުމުންނެވެ. އަދި ދެވަނަ ކަރުދާހުގައި އިތުރު ނިޝާނެއް އިންކަމަށް ބަލައި އެ ވޯޓު ބާތިލުކުރި ކުރުން ކޯޓުން ވަނީ ދަމަހައްޓާފައެވެ. ކޯޓުގެ އަމުރާ އެއްގޮތަށް ނަތީޖާ އަލުން އިއުލާނުކުރަން ޖެހިފައިވާއިރު، އީސީން ބުނީ ކޯޓުތަކުގައި ހުރި އިންތިޚާބާ ގުޅޭ މައްސަލަތައް އެއްކޮށް ނިމުމުން ނޫނީ އިތުރު އެއްޗެއް ހާމަނުކުރާނެ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިއީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަންނަ ގޮތަށް ހައިކޯޓުން ނިންމި ދެވަނަ މައްސަލައެވެ. މީގެ ކުރިން މ. ވޭވަށު ކައުންސިލްގެ އިންތިޚާބާ ގުޅިގެން ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހު ހުށަހެޅުއްވި މައްސަލައިގައިވެސް ކޯޓުން ވަނީ ނަތީޖާއަށް ބަދަލު އަންނަ ފަދަ ހުކުމެއް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ