ފްލެޓް އަޅަން ހުޅުމާލެއިން އިތުރު ބިން ހޯދުމަށް އެޗްޑީސީއާ މަޝްވަރާކުރަން ފަށައިފި

ފްލެޓް އަޅަން ހުޅުމާލެއިން އިތުރު ބިން ހޯދުމަށް އެޗްޑީސީއާ މަޝްވަރާކުރަން ފަށައިފި

Author
އަހުމަދު
12 މެއި 2026 03:58
0

މާލެ ސަރަހައްދުގައި ސަރުކާރުން ހިންގަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ބޭނުންވާ ބިން ހޯދުމަށްޓަކައި، އެހެން ކަންކަމަށް ކަނޑައަޅާފައިވާ ހުޅުމާލޭގެ ބައެއް ބިންތައް ހޯދުމަށް އެޗްޑީސީއާ އެކު މަޝްވަރާކުރަން ފަށައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ، ސަރުކާރުން މާލެ ސަރަހައްދުގައި 12،000 ހައުސިން ޔުނިޓު އެޅުމަށް ކުރިން އަމާޒު ހިފާފައިވީ ނަމަވެސް، މިހާރު ލިބެން ހުރި ބިންތަކުގައި އެޅޭނީ 10،700 ފްލެޓް ކަމަށެވެ. އެހެންކަމުން، އަމާޒަށް ވާސިލުވުމަށްޓަކައި އިތުރު ބިން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އިތުރު ފްލެޓްތައް އެޅުމަށް މިވަގުތު މިނިސްޓްރީއަށް ބިންތަކެއް ލިބިފައެއް ނެތެވެ. ނަމަވެސް، އެހެނިހެން ބޭނުންތަކަށް ހުޅުމާލެއިން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން ބޯހިޔާވަހިކަމަށް ބިން ހަމަޖެއްސޭތޯ އެޗްޑީސީއާ ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، މާލެއިން ވެސް ހައުސިން މަޝްރޫއުތަކަށް ބޭނުންކުރެވިދާނެ ބިންތައް ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާކަމަށް ޑރ. މުއްތަލިބް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ މިހާރުގެ ހާލަތަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، މިވަގުތު ވެސް 3،260 ހައުސިން ޔުނިޓެއްގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އިތުރު 540 ފްލެޓެއްގެ މަސައްކަތް ފެށުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ފައިނޭންސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.