ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނު މައްސަލައިގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމާ ގުޅޭގޮތުން ސީދާ ޖަވާބެއް ނެތް

ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނު މައްސަލައިގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމާ ގުޅޭގޮތުން ސީދާ ޖަވާބެއް ނެތް

Author
އަހުމަދު
07 މެއި 2026 10:31
0

ރާއްޖެއާއި މޮރީޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުން ރާއްޖެއަށް ގެއްލުނު ބައިގެ މައްސަލައިގައި އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އެޅުމާ ގުޅޭގޮތުން މިވަގުތު ސީދާ ޖަވާބެއް ދެވެން ނެތްކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ، ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލަ ބެލުމަކީ ސަރުކާރުގެ ރިޔާސީ ވައުދެއް ކަމަށާއި، އެ މަސައްކަތް މިހާރު އޭޖީ އޮފީހުން ކުރިއަށްގެންދާ ކަމަށެވެ. މިގޮތުން ރާއްޖެއާއި ރާއްޖޭން ބޭރުގެ މާހިރުންގެ ލަފާގެ މަތިން ތައްޔާރުކުރި ރިޕޯޓެއް ކެބިނެޓަށް ހުށަހަޅައި، ކެބިނެޓުން ނިންމެވި ނިންމުންތަކާ އެއްގޮތަށް ބައިނަލްއަގުވާމީ ގާނޫނީ ވަކީލުންނާ މަސައްކަތް ހަވާލުކުރުމުގެ މަރުހަލާ މިހާރު ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މިކަމުގެ އިތުރު ތަފުސީލުތައް ހާމަކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް، މިކަމުގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން އުޝާމް ވިދާޅުވީ އެކަމަށް ސީދާ ޖަވާބެއް ދެއްވަން ދަތިކަމަށާއި، އެ މައްސަލަ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވަމުން ގެންދަވާ ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާނަމަ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށްދާކަން އެނގިފައިވާކަމަށް ބަންޑާރަނައިބު ވިދާޅުވިއިރު، މި މައްސަލައިގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅުއްވާނެކަން ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައިވެސް އިއުލާނުކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.