މަޖިލިސް މެންބަރުން ޕާޓީން ވަކިކުރާނެ ގޮތުގެ އިޖުރާއަތުތައް ގާނޫނަށް އިތުރުކުރަނީ

މަޖިލިސް މެންބަރުން ޕާޓީން ވަކިކުރާނެ ގޮތުގެ އިޖުރާއަތުތައް ގާނޫނަށް އިތުރުކުރަނީ

Author
އަހުމަދު
06 މެއި 2026 02:59
0

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ ބޭފުޅުން ނިސްބަތްވާ ސިޔާސީ ޕާޓީން ވަކިކުރެވޭނެ ސާފު އިޖުރާއަތުތަކެއް ކަނޑައެޅުމަށްޓަކައި، ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ، މި ބަދަލަކީ ދާދި ފަހުން ގާނޫނުއަސާސީއަށް ގެނެވުނު އެންޓި-ޑިފެކްޝަންގެ މާއްދާތަކާ ގުޅިގެން ގެންނަންޖެހޭ މުހިންމު ބަދަލެއް ކަމަށެވެ. އެގޮތުން، މެންބަރުން ޕާޓީން ވަކިކުރާނެ ހަމަތަކާއި އުސޫލުތައް ގާނޫނުގައި ސީދާ ބަޔާންކުރުމަށްޓަކައި ބަންޑާރަ ނައިބުގެ އޮފީހުން މިހާރު އެ މަސައްކަތް ކުރިއަށްގެންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ގާނޫނުއަސާސީއަށް ދާދިފަހުން ގެނައި ހަވަނަ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން، މަޖިލީހުގެ ދައުރުގެ ތެރޭގައި މެންބަރަކު ޕާޓީ ބަދަލުކޮށްފިނަމަ، ނުވަތަ އިންތިހާބުވި ޕާޓީން ވަކިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ. އަދި އަމިއްލަ ގޮތުން މަޖިލީހަށް ހޮވޭ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިއްޖެނަމަވެސް މެންބަރުކަން ގެއްލޭ ގޮތަށް ވަނީ ފާސްކޮށްފައެވެ.

މި އިސްލާހުގެ ސައްހަކަމާމެދު ސުވާލު އުފައްދަވައި، ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައެވެ. ނަމަވެސް، ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުން ވަނީ އެ އިސްލާހު ބާތިލުކުރަންޖެހޭ ފަދަ ގާނޫނީ އެއްވެސް ސަބަބެއް ނެތްކަމަށް ކަނޑައަޅައި، އެ އިސްލާހަށް ތާއީދުކޮށްފައެވެ. ގާނޫނަށް މިހާރު ގެންނަން އުޅޭ ބަދަލަކީ މި ނިންމުންތަކުގެ އަލީގައި، މެންބަރުން ޕާޓީން ވަކިކުރުމުގެ މަރުހަލާ އިތުރަށް ހަރުދަނާކޮށް ސާފުކުރުމަށް ގެންނަ ބަދަލެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.