ކުޑަކުދިންގެ ބަރަހަނާ މަންޒަރު ވިއްކުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި

ކުޑަކުދިންގެ ބަރަހަނާ މަންޒަރު ވިއްކުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި

Author
އަހުމަދު
04 މެއި 2026 08:57
0

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ވިއްކުމުގެ ތުހުމަތުގައި ހައްޔަރުކުރި ދިވެހި ފިރިހެނަކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހުގެ ފަސްވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ތ. ވިލުފުށި، މޫނިމާގެ، އުމުރުން 22 އަހަރުގެ އާދަމް ޢަދްލާން ލަޠީފެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ 15 ދުވަސް އަދި އޭގެ ފަހުން 12 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. ނަމަވެސް އެ މުއްދަތު ހަމަވެގެން އިއްޔެ ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ ބަންދުން ދޫކޮށްލާފައެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ ބައިނޭންސް އެކްސްޗޭންޖްގެ ވޮލެޓެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ގަނެ ވިއްކަމުންދާކަމުގެ މައުލޫމާތު ލިބިގެން ހިންގި ތަހުގީގަކާ ގުޅިގެންނެވެ. އަދި އޭނާގެ ކްރިޕްޓޯ އެކައުންޓަށް މި މުއާމަލާތްތަކާ ގުޅޭ ފައިސާ ވަދެފައިވާކަން ތަހުގީގަށް ވަނީ ހޯދިފައެވެ.

މީގެ އިތުރުން، އޭނާގެ އަތުން ހިފެހެއްޓި އިލެކްޓްރޯނިކް ވަސީލަތްތައް ފޮރެންސިކް ތަހުލީލުކުރިއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ދައްކުވައިދޭ ގިނަ އަދަދެއްގެ ފޮޓޯއާއި ވީޑިއޯ ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ މިފަދަ މައްސަލަތަކަކީ ޚާއްސަ އިސްކަމެއް ދީގެން ބަލަމުންދާ މައްސަލަތަކެއްކަން ފާހަގަކޮށް، ފުލުހުން ބުނެފައިވަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދަނީ އެ މުއައްސަސާގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ކަމަށެވެ. ރާއްޖޭގައި މިފަދަ މައްސަލަތައް ގިނަ ނަމަވެސް، ރިޕޯޓުކުރާ މިންވަރު މަދުކަން ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.