ހިޔާ ފްލެޓްތަކުގެ ކުލިން 2000 ރުފިޔާ ކުޑަކުރިއިރު، ފަހި ފްލެޓްތަކުގެ ކުލިން އުނިނުކުރީ މަޝްރޫއުތައް ތަފާތުކުރުމުގެ ގޮތުން ނޫންކަމަށް، ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ހިޔާ ފްލެޓްގެ ކުލި ކުޑަކުރަން ޖެހުނީ ކުރީ ސަރުކާރުން އެ ތަންތަން ނުނިންމައި ހަވާލުކުރުމުން، އާންމު ރައްޔިތުން އަމިއްލަ ޖީބުން ފްލެޓްތައް ހެދުމަށް ކުރަންޖެހުނު ބޮޑު ހޭދައިގެ ބަދަލު ދިނުމުގެ ގޮތުން ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި 570 އަކަފޫޓުގެ ހިޔާ ފްލެޓްތަކުގެ ކުއްޔަކީ 5300 ރުފިޔާކަމަށް ކަނޑައެޅި ނަމަވެސް، ރައީސް ޞާލިޙްގެ ސަރުކާރުން އެ އަދަދު މެއިންޓެނެންސް ފީއާއެކު 8500 ރުފިޔާއަށް ބޮޑުކުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ފްލެޓްތަކުގެ އެތެރޭގެ މަސައްކަތްތައް ނިންމުމަށް ކޮންމެ އާއިލާއަކުން ގާތްގަނޑަކަށް ދެ ލައްކައެއްހާ ރުފިޔާ ޚަރަދުކޮށްފައިވާތީ، މި ސަރުކާރުން ނިންމީ ކުލިން 2000 ރުފިޔާ އުނިކޮށްދީގެން އެ ފައިސާ ރައްޔިތުންނަށް އަނބުރާ ލިބޭނެ މަގެއް ތަނަވަސްކޮށްދިނުމަށެވެ. އެގޮތުން ގަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ދެ ލައްކަ ރުފިޔާ ހަމަވަންދެން ކުލި ކުޑަކޮށްދީ، އަދި ނުދައްކާ ހުރި ފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ ތެރެއިން އެބައި އުނިކޮށްދީފައިވާކަން އެމަނިކުފާނު ސާފުކޮށްދެއްވިއެވެ.
ފަހި ފްލެޓްތަކުގެ ކުއްޔާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، އެ ތަންތަނުގެ ކުލި ކަނޑައަޅާފައިވަނީ ފްލެޓްތައް އިމާރާތްކުރުމަށް ނެގި ލޯނަށް ދައްކަންޖެހޭ މިންވަރާއި ދައުލަތުން ސަބްސިޑައިޒް ކުރާ މިންވަރަށް ރިއާޔަތްކުރުމަށްފަހު، އެންމެ އެކަށީގެންވާ އަދަދަށް ކަމަށެވެ. މީގެ އިތުރުން، ހިޔާ ފްލެޓްތަކަށްވުރެ ފަހި ފްލެޓްތަކުގެ ޖާގަ ބޮޑުވާނެކަން ފާހަގަކުރައްވައި، ކުލީގެ ތަފާތަކީ ވަކި މަޝްރޫއެއް ތަފާތުކުރުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއް ނޫންކަމަށްވެސް ވަޒީރު ޑރ. މުއްޠަލިބު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ