މޫސުން ގޯސްވެ، ވިއްސާރަކުރާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ވައިޓް އެލާޓް ނެރެފިއެވެ.
މިއަދު ހެނދުނު 9:15 އިން ފެށިގެން ހަވީރު 3:00 އަށް ނެރެފައިވާ މި އެލާޓުގެ ވަގުތުގައި، އެ ސަރަހައްދުގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.
މި ވަގުތުތަކުގައި ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ނަމަވެސް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައިގަދަވުން އެކަށީގެންވާއިރު، އާދައިގެ ވަރަކަށް މަޑު ކަނޑުތައް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ދުވަސްވަރަކަށް ވެފައި، ރޭގެ ވަގުތެއްގައިވެސް ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލު ނެރެފައިވާތީ، ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ