އައްޑޫ ސިޓީ ފޭދޫ ސްކޫލްގެ ލައިބްރަރީ އިމާރާތުގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން އެތަން ބޭނުންނުކުރެވޭ ވަރަށް އަނދައި، ސްކޫލްގެ ކިޔެވުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިއަދު ހެނދުނު 8:20 ހާއިރު ރިޕޯޓުކުރި މި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލެވިފައިވަނީ ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ކުރި މަސައްކަތުން ހެނދުނު 8:56 ހާއިރުއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވަނީ އަލިފާނުގެ ސަބަބުން ސްކޫލްގެ ލައިބްރަރީ މުޅިން ހަލާކުވެފައިވާ ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް ދަރިވަރުންނަށް އަލުން ކިޔެވުން ފެށޭނެ މާހައުލެއް ޤާއިމުކުރުމަށްޓަކައި، ކައުންސިލާއި ފޭދޫ އަވަށު އޮފީސް ގުޅިގެން ސްކޫލް ތެރެ ސާފުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ބާރު ސްޕީޑުގައި ކުރަމުންނެވެ.
މިއަދު ފޭދޫ ސްކޫލްގައި މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގާފައިވާއިރު، މި މަހުގެ 3 ވަނަ ދުވަހުގެ ރޭ ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒުގައިވެސް ވަނީ އަލިފާން ރޯވެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ކޮމެންޓު ފޮނުވާ