ދިރާގަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން ހިއްސާދާރުންނަށް ހިއްސާއަކަށް 8.7ރ. ބަހަން އެ ކުންފުނީގެ 37 ވަނަ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފި އެވެ.
ހޮޓެލް ޖެންގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހައިބްރިޑްކޮށް ކުރިއަށް ގެންދިޔަ މި ޖަލްސާގައި 265 ހިއްސާދާރުން ވަނީ ބައިވެރިވެފަ އެވެ. މި ޖަލްސާގައި ހިއްސާދާރުންނަށް ބަހަން ފާސްކުރި 8.7ރ. ގެ ތެރޭގައި ހިމެނެނީ އިންޓެރިމް ޑިވިޑެންޑްގެ ގޮތުގައި ކުރިން ދީފައިވާ 1.66ރ. އާއި ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ދޭން ނިންމި 7.04ރ. އެވެ.
މިދިޔަ އަހަރު ދިރާގަށް އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 1.8 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 949 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
ފާއިތުވި އަހަރަކީ ދިރާގަށް މުހިންމު ގިނަ ކާމިޔާބީތަކެއް ހާސިލުކުރެވުނު އަހަރެކެވެ. އެގޮތުން ރާއްޖޭގެ ފުރަތަމަ ޓިއާ-4 ޑޭޓާ ސެންޓަރު ހުޅުމާލޭގައި ހުޅުވުމާއި، ނ. ވެލިދޫގައި ތިންވަނަ ޑޭޓާ ސެންޓަރެއް ގާއިމުކުރުން ހިމެނެ އެވެ. މީގެ އިތުރުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 100 އިންސައްތަ ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދީފައިވާތީ ސަރުކާރުން ވަނީ އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ފިލައެއްވެސް އަރުވާފަ އެވެ.
މުވައްޒަފުންގެ ބައިވެރިވުމާއެކު 'ގްރޭޓް ޕްލޭސް ޓު ވޯކް' ސެޓިފިކޭޝަން ހާސިލުކުރުމުގެ އިތުރުން، ދިރާގުން ވަނީ އަންލިމިޓެޑް ފައިބާ އާއި 5ޖީ ނެޓްވޯކް އިތުރަށް ފުޅާކޮށްފަ އެވެ. އަދި ބައިނަލްއަގުވާމީ ކަނެކްޓިވިޓީ ވަރުގަދަކުރުމަށް ސީމީވީ 6 ސަބްމެރިން ކޭބަލް މަޝްރޫއުގައި ބައިވެރިވެ، ގޫގަލްއާ ގުޅިގެން އައްޑޫ ހިތަދޫގައި ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނެއް ގާއިމުކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން ވަނީ ފަށާފަ އެވެ.
ކޮމެންޓު ފޮނުވާ