މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލި މައްސަލައިގައި ތުހުމަތުވާ މީހަކު ކޯޓުން ދޫކޮށްލައިފި

މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލި މައްސަލައިގައި ތުހުމަތުވާ މީހަކު ކޯޓުން ދޫކޮށްލައިފި

Author
ހުސައިން
24 އޭޕްރިލް 2026 11:58
0

މީހަކު ރަހީނުކޮށް، އަނިޔާކޮށް އިނގިލި ބުރިކޮށްލި މައްސަލައިގައި ހިމެނޭ މީހަކު، މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރުމަށްފަހު ޝަރުތުތަކަކާއެކު ކޯޓުން ދޫކޮށްލައިފިއެވެ.

ހުޅުމާލެއިން މިދިޔަ މާރިޗު މަހުގެ 18 ވަނަ ދުވަހު ފުލުހުންގެ ސްޕެޝަލް އެންފޯސްމަންޓް ޓީމުން ޕެޓްރޯލް ކުރަމުން ދަނިކޮށް ހައްޔަރުކުރީ ލ. ގަން، ތުނޑި/ލިންކް، އުމުރުން 25 އަހަރުގެ އަޙްމަދު ޒަޔާނާއި، ރ. މަޑުއްވަރި، ޑްރީމް، އުމުރުން 23 އަހަރުގެ ޙުސައިން އިޔާދެވެ. ތުހުމަތުކުރެވިގެން ހުއްޓުވައި ފާސްކުރިއިރު، އެމީހުންގެ އަތުން 143.4 ގުރާމުގެ މަސްތުވާތަކެތި ހުރި 87 ރަބަރު ޕެކެޓު ފެނިފައިވެއެވެ. ނަމަވެސް، އިއްޔެގެ ވަގުތެއްގައި ކޯޓުން ވަނީ މި ދެމީހުންވެސް ދޫކޮށްލާފައެވެ.

މި ދެމީހުންގެ ތެރެއިން ޒަޔާނަކީ މީގެ ކުރިން 30 އަހަރުގެ ދިވެހި ފިރިހެނަކު މަހެއްހާ ދުވަހު ރަހީނުކޮށްގެން ގެންގުޅެ، ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގައި ހައްޔަރުކުރި ގުރޫޕެއްގައި ހިމެނޭ ސިފައިންގެ މީހެކެވެ. އެ މައްސަލައާ ގުޅިގެން އޭނާ ސިފައިންގެ ވަޒީފާއިން ސަސްޕެންޑްކޮށްފައިވާއިރު، އެ ހާދިސާގައި ރަހީނުކުރި މީހާގެ ވާތު އިނގިއްޔެއްގެ ދެވަނަ ބަދައިން ފެށިގެން ތިރިއަށް ވަނީ ބުރިކޮށްލާފައެވެ. މީގެ އިތުރުންވެސް އޭނާގެ ހަށިގަނޑުގެ އެކި ތަންތަނުގައި އަލިފާން ޖައްސައި، ވާތު ލޮލަށްވެސް ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ.

އެ އަނިޔާވެރި އަމަލު ފުލުހުންގެ ސަމާލުކަމަށް އައިސް ތަހުގީގު ފަށާފައިވަނީ، ލިބިފައިވާ ބޮޑެތި ޒަޚަމްތަކަކާއެކު އަނިޔާ ލިބުނު މީހާގެ މަންމަ އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް ގެންދިޔުމުން، އެތަނުގެ ޑިއުޓީގައި ތިބި ފުލުހުންނަށް އެކަން އެނގުނު ހިސާބުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.