ސަރުކާރު ކުންފުނިތައް ރިފޯމްކޮށް ހިންގުން ހަރުދަނާކުރުމުގެ ސިޔާސަތުގެ ދަށުން، ބ، ޅ އަދި މ. އަތޮޅުގެ ޔުޓިލިޓީ ޚިދުމަތްތައް ފެނަކަ ކޯޕަރޭޝަނުގެ އަތުން ނަގައި ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި މި ބަދަލު ގެނައުމުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް މެދުނުކެނޑި، މިހާރަށްވުރެ ފެންވަރު ރަނގަޅުކޮށް އަދި ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. މިއީ ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށްވެސް އެ މިނިސްޓްރީން ފާހަގަކުރެއެވެ.
މިހާރުވެސް ކ، ވ، އއ، އަދި އދ. އަތޮޅުގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ދެމުން އަންނަ ސްޓެލްކޯއަށް އަލަށް އިތުރުކުރެވުނު 3 އަތޮޅާއެކު، އެ ކުންފުނިން ޚިދުމަތްދޭ ރަށްތަކުގެ ޖުމްލަ އަދަދު ވަނީ 61 އަށް ފުޅާވެފައެވެ. އަލަށް ސްޓެލްކޯގެ މެންޑޭޓުގެ ތެރެއަށް ވަން ރަށްތަކުގެ ތެރޭގައި ބ. އަތޮޅުގެ 13 ރަށަކާއި، ޅ. އަތޮޅުގެ 4 ރަށެއްގެ އިތުރުން މ. އަތޮޅުގެ 8 ރަށެއް ހިމެނެއެވެ.
މި ބޮޑު ބަދަލާއެކުވެސް، ރަށްރަށަށް ދެމުންދާ އެއްވެސް އަސާސީ ޚިދުމަތަކަށް ބުރޫ ނާރާނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދީފައެވެ. އަދި މުވައްޒަފުންނާއި ވަސީލަތްތައް ބަދަލުކުރުމުގެ މަރުޙަލާ ވަރަށް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މިކަމުގެ ސަބަބުން މުސްތަޤުބަލުގައި ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ