އިންތިހާބަށް ފަހިކޮށްދޭން ނުކެރިގެން އުޅެނީ ނާކާމިޔާބީ ޔަގީން ވާތީ: ހީނާ

އިންތިހާބަށް ފަހިކޮށްދޭން ނުކެރިގެން އުޅެނީ ނާކާމިޔާބީ ޔަގީން ވާތީ: ހީނާ

Author
ޢަލީ އާދަމް
13 ޖެނުއަރީ 2021 07:38
0

ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނަށް ދޭންޖެހޭ އެއްބާރުލުން ދޭން ސަރުކާރުން ފަހަތަށް ޖެހެނީ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭނެކަން ޔަގީންވާތީ ކަމަށް އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމްގެ އޮފީހުގައި ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ބޮޑެތި ދަތިތަކެއް ހުރިކަން އެ ކޮމިޝަނުން ހާމަކުރަމުން ދާކަމަށެވެ. އެގޮތުން ބަޖެޓްގެ ދަތިކަމާއި އެ ނޫންވެސް ބައެއް ކަންކަމަކީ ސަރުކާރުން ފަހިކޮށްދޭން ޖެހޭ ކަންކަން ނަމަވެސް އެކަންކަން ނުކޮށްދީ ސަރުކާރުން ފަހަތަށް ޖެހެނީ އިންތިހާބުން ނާކާމިޔާބު ވާނެކަން ޔަގީން ވާތީ ކަމަށް ހީނާ ވިދާޅުވިއެވެ. އަދި އިންސާފުވެރި އިންތިޚާބެއް ބާއްވައިފިނަމަ، އިދިކޮޅުން އިންތިޚާބު ކާމިޔާބުކުރާނެ ކަމަށްވެސް ހީނާވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ކައުންސިލް އިންތިހާބު ބޭއްވޭނެ ތާރީހެއް ޔަގީންނުވެ ފަސްވަމުން ދިއުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށާއި އިންތިހާބު ބޭއްވޭނެ މަގު ފަހިކޮށް ދިނުމަށް ސަރުކާރުން ކުރަން ޖެހޭ އެއްވެސް މަސައްކަތެއް ކުރާތަން ނުފެންނަ ކަމަށެވެ. އަދި މިގޮތަށް އިންތިހާބުބޭއްވުން ލަސްވަމުންދާނަމަ ކެންޑިޑޭޓުންގެ އެތަށް ހައްގުތަކެއް ގެއްލިގެންދާ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

މީގެ އިތުރުން އިންތިހާބާގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް ވެސް މަސައްކަތް ކުރެވޭތަން ނުފެންނަ ކަމަށާއި އެއީ މި އިންތިހާބުގައި ބާތިލް ވޯޓު ގިނަވުން އެކަށީގެންވާ ކަމެއް ކަމަށްވެސް ހީނާ ފާހަގަކުރެއްވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ހީނާ ވަނީ އިދިކޮޅުގެ ކެނޑިޑޭޓުންނަށް ކެމްޕޭން ކުރުމުގެ ހަމަހަމަ ފުރުސަތު ނުލިބޭކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކޯވިޑް-19ގެ މިހާލަތުގައި ދަތުރުކުރުމަށް ހުރަސްތަކެއް ހުރި އިރުވެސް ސަރުކާރުގެ ވެރިން އެކި ނަންނަމުގައި ރަށްރަށަށް ވަޑައިގެން އެމްޑީޕީގެ ކެނޑިޑޭޓުންނަށް ކެމްޕޭންކުރައްވާ ތަން ފެންނަމުން ދާކަމަށް ހީނާވިދާޅުވިއެވެ.

އެހެންކަމުން ހީނާ ވަނީ މިނިވަން އިންސާފުވެރި އިންތިހާބަކަށް އަވަހަށް މަގު ފަހިކޮށްދިނުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ތ ތެދުތެދަށް
އިންތިހާބެއް އަވަހަކައް ނުބާއްވާނެ މިހާރު ރައްޔިތުން އެމީހުން ދައްކާ ވާހަކަ ގަބޫލެއް ނުކުރާނެ.ވެރިކަމަށް އެރީ ދޮގު ހަދައިގެން