މާލެ ސިޓީ ކައުންސިލް 10 އަހަރު ވަންދެން އޮޑިޓް ނުކުރާ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

މާލެ ސިޓީ ކައުންސިލް 10 އަހަރު ވަންދެން އޮޑިޓް ނުކުރާ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

Author
އަހުމަދު
18 އޭޕްރިލް 2026 03:30
0

 

ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި މާލެ ސިޓީ ކައުންސިލް އޮޑިޓްކޮށްފައި ނުވާތީ، އެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. އެ ސިޓީގައި އޭނާ ވިދާޅުވީ، މާލޭގެ ގިނަ ބިންތަކަކާއި އާންމު ވަސީލަތްތަކުން ބޮޑު މާލީ ނަފާއެއް ހޯދަމުންދާ އިދާރާއެއް ފާއިތުވި ދިހަ ވަރަކަށް އަހަރު ތެރޭގައި އޮޑިޓްކޮށްފައި ނެތުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި ދައުލަތުގެ އިދާރާތައް އޮޑިޓްކުރުމުގެ ޒިންމާ އޮންނަ އޮޑިޓާ ޖެނެރަލްގެ އޮފީހުން ވެސް މިކަމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާކަން ކުޑޫ ފާހަގަކުރެއްވިއެވެ.

މި މައްސަލައިގެ އަޑީގައިވާ ސަބަބުތައް ދެނެގަތުމަށްޓަކައި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް ވީއެންމެ އަވަހަކަށް ބާއްވައިދިނުމަށް ކުޑޫ ވަނީ އެދިވަޑައިގެންފައެވެ. އަދި ގާނޫނުއަސާސީގެ 99 ވަނަ މާއްދާގެ ދަށުން މަޖިލީހަށް ލިބިދޭ ބާރުގެ ބޭނުންކޮށް، ސިޓީ ކައުންސިލްގެ އިސްވެރިންނާއި އޮޑިޓާ ޖެނެރަލް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށާއި، ވީއެންމެ އަވަހަކަށް އޮޑިޓް ރިޕޯޓުތައް ނިންމައި އާންމުކުރުމަށް ބާރުއެޅުމަށް ވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

މި މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފައިވާއިރު، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ ސިޓީ ކައުންސިލާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން، މާލޭ ސިޓީ ކައުންސިލް އޮޑިޓް ނުކުރެވޭނެ ކަމަށް ބުނެ ގިނަ ބަޔަކު ގޮންޖެހި ނަމަވެސް، އެ އިދާރާގެ އޮޑިޓްގެ ކަންކަން މިހާރު ކުރިއަށްގެންގޮސްފައިވާ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.