އިސްރާއީލުގެ ޓެލްއަވީވަށް ދަތުރު ކޮށްދިނުމަށް ދެކޮޅު ހެދި އެމިރޭޓްސްގެ ޕައިލެޓަކު ސަސްޕެންޑް ކޮށްފި

އިސްރާއީލުގެ ޓެލްއަވީވަށް ދަތުރު ކޮށްދިނުމަށް ދެކޮޅު ހެދި އެމިރޭޓްސްގެ ޕައިލެޓަކު ސަސްޕެންޑް ކޮށްފި

Author
ހުސެއިން
13 ޖެނުއަރީ 2021 07:27
0

އިސްރާއީލުގެ ވެރިރަށް، ޓެލްއަވީވަށް ދަތުރު ކޮށްދިނުމަށް ދެކޮޅު ހެދި އެމިރޭޓްސް އެއަރަލައިންގެ ޕައިލެޓަކު އެ އެއަރލައިނުން ސަސްޕެންޑް ކޮށްފިއެވެ.

ޔުނައިޓްޑް އަރަބި އެމިރޭޓްސްގެ ގައުމީ އެއަރލައިން ކަމުގައިވާ، އެމިރޭޓްސްގެ އެއަރލައިންގައި ޕައިލެޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ޓީއުނީޝިއާގެ ރައްޔިތެއްކަމުގައިވާ، މޯނެމް ސާހިބް އަލް-ތަބާ ބުނެފައިވަނީ، އެއަރލައިނުން އޭނާ މަސައްކަތުން އެކަހެރިކޮށްފައިވަނީ، އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށް ދަތުރު ކޮށްދިނުމަށް އޭނާ ދެކޮޅު ހެދުމާ ގުޅިގެން ކަމުގައެވެ.

"ޕައިލެޓެއްގެ ގޮތުގައި އަހަރެން ކުރަމުން އައި މަސައްކަތްތަކުން، އެމިރޭޓްސް އެއަރލައިނުން އަހަރެން އެކަހެރި ކޮށްފައިވަނީ، އެއަރލައިން އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށް ކުރަން އޮތް ދަތުރަށް އަހަރެން އެއްބާރުލުން ނުދީގެން… އަހަރެން ހަމައެކަނި ވާގި އެދޭ ފަރާތަކީ ހެއްދެވި ފަރާތް…އަހަރެން އަމަލު ކުރި ގޮތާ ގުޅޭގޮތުން އެއެވެސް ވަރަކަށް ހިތާމައެއް ނުކުރަން،" އަލް-ތަބާ އޭނާ ފޭސްބުކުގައި ލިޔެފައި ވެއެވެ.

ފާއިތުވެދިޔަ އަހަރު އޮގްސްޓުމަހު، އެމެރިކާއިން މެދުވެރިވެގެން، ޔުނައިޓެޑް އަރަބި އެމިރޭޓްސްއާއި އިސްރާއީލާ ދެމެދު ގުޅުހުން ބަދަހި ކުރުމުގެ އެއްބަސްވުމެއްގައި ސޮއި ކުރުމާއެކު، އެމިރޭޓްސް އެއަރލައިނުންވަނީ، 2021 ވަނަ އަހަރުގެ މާރޗްމަހު އިސްރާއީލަށް ކޮންމެ ދުވަހަކުވެސް ސީދާ ދަތުރުތައް ބޭއްވުމަށް ނިންމާފައިވާކަން ފާއިތުވެދިޔަ އިއުލާން ކޮށްފައެވެ.

ލޯކަލް ބައެއް މީޑިއާތަކަށް އަލް-ތަބާ މައުލޫމާތު ދީފައިވާ ގޮތުގައި، އޭނާ ސަސްޕެންޑް ކުރުމަށްފަހު، ޑިސިޕްލިނަރީ ކޮމިޓީއަށް ހާޒިރުވުމަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

އޭނާ އިތުރަށް ބުނެފައިވަނީ، އޭނާ ސަސްޕެންޑް ކޮށްފައިވާކަން ހާމަކޮށް އާންމު ކުރި ޕޯސްޓަށްފަހު، އެމިރޭޓްސް އެއަރލައިން މަޖުބޫރުކުރުމުގެ ސަބަބުން، އޭނާގެ ފޭސްބުކް އެކައުންޓު މިހާރު އަމިއްލައަށް ސަސްޕެންޑް ކޮށްފައިވާ ކަމުގައެވެ.

އަލް-ތަބާގެ އަމިއްލަ ގައުމު ކަމުގައިވާ، ޓީއުނީޝިއާގެ ސިޔާސީ އެތަކެއް ބޭފުޅުންނެއް ވަނީ، އިސްރާއީލާ ގުޅުން ބަދަހި ކުރުމާ އަލް-ތަބާ ދެކޮޅު ހެއްދެވި ހެއްދެވުމަށް ވަރަށް ބޮޑަށް ތާޢީދު ކުރައްވާފައެވެ. ޓިއުނީޝިއާގެ ސިޔާސީ ޕާޓީއެއްކަމުގައިވާ، އެންނަހުދާ ޕާޓީގެ ނާއިބު ރައީސް ހަޔެޓް އޮމްރީ އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔެފައިވަނީ، އައްތަބާގެ ނިންމުމަކީ، "ފަޙުރުވެރިވުން ހައްގު" ނިންމުމެއް ކަމުގައެވެ.

ލޯންގްލިވް ޓިއުނީޝިއަން ޕާޓީގެ ލީޑަރ މަހުދީ އަބުދުލް-ގަވާދު ވިދާޅުވެފައިވަނީ، އެގައުމަށް ނިސްބަތްވާ ޕައިލެޓްގެ ނިންމުމުން ދޭހަވެގެންދަނީ، ފަލަސްތީނުގެ ރައްޔިތުން ހައްގުތަސް ހޯދުމަށް ކުރަމުންދާ މަސައްކަތްތައް އަދިވެސް ޓިއުނީޝީއާގެ ރައްޔިތުންގެ ހިތްތަކުގައި ބިންވަޅު ނެގިގެން ގޮސްފައިވާ ކަންކަމުގައެވެ.

"ޓިއުނީޝިއާގެ ކެޕްޓަންގެ ހިތްވަރުގަދަ އަމަލުން އެތައް ބައެއްގެ ހިތްހަތަކަށް ހަމަޖެހުން ލިބިގެންދާނެ،" މަހުދީ އަބުދުލް-ގަވާދު އޭނާގެ ފޭސްބުކުގައި ލިޔެފައިވެއެވެ. "ޕައިލެޓްގެ މިއަމަލަކީ، ޓިއުނީޝިއާގެ ރައްޔިތުންގެ ހިތްތަކުގައި ފަލަސްތީނުގެ ރައްޔިތުންގެ ކުރަމުންދާ ހައްގު މަސައަކަތްތަކަށް ދެވިފައިވާ މަގާމުގެ ދިރިހުރި މިސާލެއް. އެހެންނަމަވެސް، ހަގީގަތަކީ، މިކަމުގެ ސަބަބުން އޭނާގެ ވަޒީފާ ގެއްލިގެން ދިއުމުގެ ގޮންޖެހުމާ އޭނާ ކުރިމަތިލާން ޖެހޭނެކަން."

ފާއިތުވެދިޔަ އަހަރު، ޔުނައިޓެޑް އަރަބި އެމިރޭޓްސްއަށްފަހު، ބަހުރެއިންއާއި، ސޫދާން އަދި މޮރޮކޯއިންވެސް ވަނީ އިސްރާއީލާއެކު ގުޅުން އުފެއްދުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.

ޓިއުނީޝިއާއިން ކުރިން ބުނެފައިވަނީ، އެގައުމުން އިސްރާއިލާއެކީ ގުޅުން ރަގަޅުކުރުމަށް އެއްވެސް އެއްބަސްވުމެއްގައި ސޮއި ނުކުރާނެ ކަމަށެވެ. އަދި ދުނިޔޭގެ މަސްރަހަށް އަންނަ އެއްވެސް ބަދަލަކާ ގުޅިގެން، ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ހައްގުތައް ހޯދުމަށް ކުރަމުން އަންނަ މަސައްކަތްކަށް އެގައުމުން ކުރަމުން އަންނަ ތާއީދަށް އެއްވެސް އަސަރެއް ނުކުރާނެކަމަށްވެސް ޓިއުނީޝިއާއިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.