އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި މުސްތަގުބަލެއް ހޯދައިދެވޭނީ ޒިންމާދާރު ވެރިންތަކެއް ތިބެގެން: މަޖިލީހުގެ ރައީސް

އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި މުސްތަގުބަލެއް ހޯދައިދެވޭނީ ޒިންމާދާރު ވެރިންތަކެއް ތިބެގެން: މަޖިލީހުގެ ރައީސް

Author
ޙަސަން މުޙައްމަދު
17 އޭޕްރިލް 2026 03:29
0

ދެމެހެއްޓެނިވި މުސްތަގުބަލެއް އަންނަން އޮތް ޖީލުތަކަށް ކަށަވަރުކޮށްދިނުމަށްޓަކައި ޒިންމާދާރު ވެރިންތަކެއް އުފެއްދުމަކީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ތުރުކީވިލާތުގެ އިސްތަންބޫލްގައި މިހާރު ކުރިއަށްދާ އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ 152 ވަނަ އެސެމްބްލީގައި ތަގުރީރު ކުރައްވަމުންނެވެ. މި އަހަރުގެ އެސެމްބްލީގެ މައިގަނޑު އަމާޒަކީ އަންނަން އޮތް ޖީލުތަކަށް އުންމީދު އާލާކޮށް، ސުލްހަ ގާއިމުކޮށްދީ އިންސާފު ކަށަވަރުކޮށްދިނުމެވެ. މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުން، ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ހަނގުރާމަތަކާއި ނުތަނަވަސްކަމަށް ހައްލު ހޯދުމުގައި ގާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު ބޮޑުކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ވަނީ، ގައުމުގެ ނިންމުންތައް ނިންމުމުގައި ޒުވާނުންނާއި އަންހެނުންގެ ދައުރު ފުޅާކޮށް، އެފަރާތްތައް ބާރުވެރިކުރުވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ޚާއްސަކޮށް ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް އިތުރުކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އޭގެ އިތުރުން މުއައްސަސާތައް ހަރުދަނާކޮށް، އިންސާނީ ހައްގުތަކާއި ގާނޫނުގެ ސިޔާދަތު ނެގެހެއްޓުމަކީ އިންސާފު ގާއިމުކުރުމަށް އޮތް އެންމެ މުހިންމު މަގުކަންވެސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ހަރުދަނާކޮށް ގާނޫނު ހެދުމުގެ މަރުހަލާގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް މަޖިލީހުން އަލަށް ތައާރަފުކުރި 'އީ-ޕެޓިޝަން' ނިޒާމުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. ހަމައެއާއެކު، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ސުލްހަވެރި ހައްލެއް ހޯދައި، ހަމަލާތައް ހުއްޓާލުމަށް ގޮވާލައްވަމުން، ރާއްޖެއިން އަބަދުވެސް ދެމިއޮންނާނީ ބައިނަލްއަގުވާމީ މުޖުތަމައުއާއެކު ސުލްހަވެރި އަދި އިންސާފުވެރި މުސްތަގުބަލެއް ބިނާކުރުމުގައި ކަމުގެ ޔަގީންކަން އަބްދުއްރަހީމް ވަނީ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.