ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އެއްކޮށް ނިމޭނީ މޭ މަހުގެ ނިޔަލަށް: މުއްތަލިބު

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އެއްކޮށް ނިމޭނީ މޭ މަހުގެ ނިޔަލަށް: މުއްތަލިބު

Author
ހުސައިން
15 އޭޕްރިލް 2026 12:36
0

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މި ހިނގާ އޭޕްރީލް މަހުގެ ނިޔަލަށް ނިންމަން ކުރިން އަމާޒުހިފި ނަމަވެސް، އެ މަސައްކަތް އެއްކޮށް ނިންމައިލެވޭނީ އަންނަ މޭ މަހުގެ ނިޔަލަށްކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، އެ ފަޅުން ޖުމްލަ 169 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވާއިރު، މިދިޔަ އޭޕްރީލް 9 ވަނަ ދުވަހުގެ ނިޔަލަށް 98 ހެކްޓަރު ހިއްކިފައިވާ ކަމަށެވެ. ކުރީ ސަރުކާރުން ފެށި މި މަޝްރޫޢު ލަސްވުމާ ގުޅިގެން މިހާރު މި މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ މާޗު މަހު ވިދާޅުވެފައިވަނީ އޭޕްރީލް މަހު ހިއްކައި ނިންމުމަށްފަހު ޖޫން މަހު ގޯތި ހަވާލުކުރަން ފަށާނެ ކަމަށެވެ. ނަމަވެސް މަސައްކަތް ނިންމޭ ތާރީޚު ފަސްވެފައިވާއިރު، މިހާރު އެ މަސައްކަތް ހަލުވިކުރުމަށް 35,500 ކިއުބިކް މީޓަރުގެ ވެލި އުފުލޭ "ކުއީން އޮފް ނެދަލޭންޑްސް" އާއި 22,000 ކިއުބިކް މީޓަރުގެ "އޮރޭންޖް" ނަމަކަށް ކިޔާ ދެ ޑްރެޖަރު އަންނަނީ ބޭނުންކުރަމުންނެވެ.

ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއެކު، ޖާގައިގެ ދަތިކަމާހުރެ ބައެއް ގޯތިތައް ގުޅީފަޅަށް ބަދަލުކުރުމަށްފަހު، މިހާރު އެ ފަޅުން ދޫކުރަން ހަމަޖެހިފައިވަނީ އެކި ބޮޑުމިނުގެ ޖުމްލަ 4،072 ގޯއްޗެވެ. މިނިސްޓަރު މުއްޠަލިބު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ނުހިއްކާ އޮތް ބިމަކުން ގާނޫނީ ގޮތުން ރަޖިސްޓަރީ ނުދެވޭނެތީ، ގޯތިތަކުގެ ރަޖިސްޓަރީ ދޫކުރާނީ ބިން އެއްކޮށް ހިއްކައި ނިމުމުން ސަރވޭ ކުރުމަށްފަހުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.