ސަރުކާރުން މިހާރުން މިހާރަށް އިސްލާހުކުރަންޖެހޭ މުހިންމު ކަންތައްތަކެއް ހިމަނައި، އިދިކޮޅު އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ގަރާރެއް ފާސްކޮށްފިއެވެ. އަދި މިކަންކަން ތަންފީޒު ނުކުރާނަމަ ރައްޔިތުންގެ ހައްގުގައި އިހުތިޖާޖަށް ނުކުތުމަށްވެސް އެ ޕާޓީން ވަނީ ނިންމާފައެވެ.
އެމްޑީޕީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް އިއްވެވި މި ގަރާރުގައި، ސަރުކާރުގެ ސިޔާސަތުތަކާއި ގާނޫނީ ބައެއް ކަންކަން ބަދަލުކުރުމަށް ވަނީ ގޮވާލާފައެވެ. އޭގެ ތެރޭގައި، މުސްތަގިއްލު މުއައްސަސާތަކުގެ ވެރިން އައްޔަންކުރުމުގެ ބާރު އަލުން ރައްޔިތުންގެ މަޖިލީހަށް ދިނުމާއި، ބިޑަކާ ނުލައި މަޝްރޫއުތައް ހަވާލުކުރުން ހުއްޓާލުމާއި، ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ފިޔަވަޅު އެޅުމުން މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް ގެނެސްފައިވާ ގާނޫނީ އިސްލާހުތައް ބާތިލުކުރުން ހިމެނެއެވެ.
މީގެ އިތުރުން ލޯކަލް ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމަށާއި، ސަރުކާރުގެ ތެރޭގައި ހިނގާ ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހުގީގުތައް އަވަސްކުރުމަށާއި، ސިޔާސީ މަގާމުތަކުގެ އަދަދުތަކާއި ފާއިތުވި ހަމަސްދުވަހު ކުންފުނިތަކަށް އައްޔަންކުރި މީހުންގެ ތަފުސީލުތައް ހާމަކުރުމަށްވެސް އެ ޕާޓީން ވަނީ ޑިމާންޑުކޮށްފައެވެ. ހަމައެހެންމެ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ތެލުގެ ސަބްސިޑީ ދިނުމަށާއި، ޖޭއެސްސީ އިސްލާހުކޮށް ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަށްވެސް ހުށަހަޅާފައިވެއެވެ.
ދައުލަތުގެ މުއައްސަސާތަކާ ގުޅޭގޮތުން އެމްޑީޕީން ބުނެފައިވަނީ، އޭސީސީ އަދި އީސީ ފަދަ ކޮމިޝަންތަކުގެ ރައީސުން މަގާމުން ވަކިކޮށް އެތަންތަނަށް ގާބިލު ބޭފުޅުން އައްޔަންކުރަން ޖެހޭކަމަށެވެ. އަދި ދައުލަތުގެ ހަރަދު ކުޑަކޮށް އިގުތިސާދީ ހާލަތާގުޅޭ މައުލޫމާތުތައް ހާމަކުރުމަށާއި، ގާނޫނުއަސާސީއަށް ބަދަލު ގެންނަނަމަ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތައް ހިމެނޭ ހާއްސަ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން އެކަން ކުރުމަށްވެސް ގަރާރުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ތިމާވެއްޓަށް ގެއްލުންދޭ މަޝްރޫއުތައް ވަގުތުން ހުއްޓާލައި، އީޕީއޭއަށް އޭގެ ބާރުތައް އަނބުރާ ދިނުމަށްވެސް ވަނީ ގޮވާލާފައެވެ.
މެމްބަރު މީކާއީލް ވިދާޅުވީ، މި ކަންކަން އިސްލާހުކުރުމަށް ސަރުކާރުން އެކަށީގެންވާ އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ، ދިވެހި ރައްޔިތުންގެ ހައްގުގައި އެ ޕާޓީން އިހުތިޖާޖުތައް ފަށާނެ ކަމަށެވެ. އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ހާމަކުރެއްވި ގޮތުގައި، ސަރުކާރަށް މި ހުށަހެޅުންތައް ހުށަހެޅުމަށް ނިންމި މުހިންމު ނިންމުން ފާސްކޮށްފައިވަނީ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ ހުރިހާ މެމްބަރުންގެ ފުރިހަމަ އިއްތިފާގުންނެވެ.
ކޮމެންޓު ފޮނުވާ