އީސާގެފާނު ފަދައިން ފެންނަ ފޮޓޯއަކާއި ޕޯޕަށް އަމާޒުކުރި ފާޑުކިޔުންތަކާއެކު ޓްރަމްޕަށް ބޮޑެތި ފިއްތުންތަކެއް

އީސާގެފާނު ފަދައިން ފެންނަ ފޮޓޯއަކާއި ޕޯޕަށް އަމާޒުކުރި ފާޑުކިޔުންތަކާއެކު ޓްރަމްޕަށް ބޮޑެތި ފިއްތުންތަކެއް

Author
އަހުމަދު
14 އޭޕްރިލް 2026 10:00
0

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީސާގެފާނާ އެއްގޮތަށް ސިފަކޮށްފައިވާ އޭއައި ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުކުރެއްވުމާއި، ކެތޮލިކް ފައްޅީގެ އިސްވެރިޔާ ޕޯޕް ލިއޯ ސާދަވަނައަށް ފާޑުވިދާޅުވުމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

އޮތޮޑޮކްސް އީސްޓާއާ ދިމާކޮށް ޓްރަމްޕްގެ އަމިއްލަ ޕްލެޓްފޯމް 'ޓްރުތު ސޯޝަލް' ގައި ޕޯސްޓުކުރެއްވި މި ފޮޓޯއިން ފެންނަނީ، މަލާއިކަތުން ފަދައިން ތިބި ސިފައިންތަކެއްގެ ކުރިމަތީގައި، ޓްރަމްޕް ބަލިމީހަކަށް ފަރުވާދެއްވާ މަންޒަރެވެ. ނަމަވެސް، އަމިއްލަ ސަޕޯޓަރުންނާއި އިދިކޮޅު ފަރާތްތަކުގެ ހޫނު ނުރުހުން އަމާޒުވުމުން ހޯމަ ދުވަހު އޭނާ ވަނީ މި ޕޯސްޓު ޑިލީޓް ކުރައްވާފައެވެ. ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ އެ އަމަލު ދިފާއުކުރައްވައި، އެ ފޮޓޯއިން ފެންނަނީ އީސާގެފާނު ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މި އަމަލާ ގުޅިގެން ކޮންޒަވޭޓިވް އެކްޓިވިސްޓުންނާއި ސިޔާސީ ފަރާތްތަކުން ވަނީ މިއީ ދީނަށް ފުރައްސާރަކުރުން ކަމަށާއި މިއީ ބޮޑާކަމުގެ އިންތިހާ ކަމަށް ބުނެފައެވެ. ސިޔާސީ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި މީގެ ސަބަބުން، ފާއިތުވި އިންތިހާބުގައި ޓްރަމްޕަށް ލިބިވަޑައިގެންނެވި ކެތޮލިކް ވޯޓަރުންގެ ބޮޑު ތާއީދަށް ނޭދެވޭ އަސަރުކުރުމަކީ އެކަށީގެންވާ ކަމެކެވެ.

މި ފޮޓޯގެ މައްސަލައިގެ އިތުރުން، އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައާ ދެކޮޅަށް އަޑުއުފުއްލަވާތީ ޓްރަމްޕް ވަނީ ޕޯޕް ލިއޯއަކީ ހާރިޖީ ސިޔާސަތުގައި "ގޯސް" އަދި ކުށްކުރުން ހުއްޓުވުމުގައި "ބަލިކަށި" ބޭފުޅެއް ކަމަށް ސިފަކުރައްވާފައެވެ. އަދި އީރާނުގެ ނިއުކްލިއާ މައްސަލައިގައި ޕޯޕް ގެންގުޅުއްވާ ވިސްނުންފުޅަށްވެސް ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިކަމަށް ރައްދުދެއްވަމުން އަލްޖީރިއާގައި ހުންނަވައި ޕޯޕް ލިއޯ ވަނީ، އޭނާގެ ޒިންމާއަކީ މައުސޫމު މީހުންގެ ފުރާނަ ސަލާމަތްކޮށް ސުލްހައަށް ގޮވާލެއްވުން ކަމަށާއި، ޓްރަމްޕްގެ ސަރުކާރާމެދު އެއްވެސް ބިރުވެރިކަމެއް ނެތްކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.