ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ އެއަރލައިންތަކުގެ އަދަދު 41 އަށް އަރައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ އެއަރލައިންތަކުގެ އަދަދު 41 އަށް އަރައިފި

Author
ހުސެއިން
13 އޭޕްރިލް 2026 03:56
0

ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް ބައިނަލްއަޤްވާމީ 41 އެއަރލައިނަކުން މިހާރު ދަތުރުކުރަމުންދާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ދަތުރުކޮށްފައިވަނީ 35 އެއަރލައިނަކުންނެވެ. އެހެންކަމުން މިއީ 6 އެއަރލައިންގެ ކުރިއެރުމެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ކޮމާޝަލް ފްލައިޓުތަކުގެ އިތުރުން ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްތަކުގެ އަދަދުވެސް ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިދިޔަ މާރިޗު މަހު އެކަނިވެސް ޖެޓް ހޭންޑްލިންގ އިން ވަނީ 125 އިންސައްތައާއި 130 އިންސައްތައާ ދެމެދުގެ ކުރިއެރުމެއް ހޯދާފައެވެ. ކުރިން މާރިޗު މަހު އާންމުކޮށް 80 ވަރަކަށް ޖެޓު އަންނައިރު، މިފަހަރު ވަނީ 190 ވަރަކަށް ޖެޓު ރާއްޖެއަށް އައިސްފައެވެ. މީގެ އިތުރުން، ހަމައެކަނި މެދުއިރުމަތީގެ ފްލައިޓްތަކަށް ބަރޯސާވެފައި އޮންނަ އޮތުން ބަދަލުކޮށް، އެހެން ސަރަޙައްދުތަކުން ފްލައިޓްތައް ގެނައުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އެޑުލްވައިސް، އެއަރ އޭޝިއާ، އެއަރ އިންޑިއާ އަދި ޓާކިޝް އެއަރލައިންސް ފަދަ އެއަރލައިންތަކުގެ ދަތުރުތައް މިހާރު ވަނީ އިތުރުކޮށްފައެވެ.

މިވަގުތު ރާއްޖެއަށް އެންމެ ގިނައިން ދަތުރުކުރަނީ އޭޝިއާ ސަރަޙައްދުގެ އެއަރލައިންތަކެވެ. އެގޮތުން އޭޝިއާގެ 16 އެއަރލައިނަކާއި، ޔޫރަޕްގެ 13 އެއަރލައިނެއްގެ އިތުރުން މެދުއިރުމަތީގެ 6 އެއަރލައިނަކުން އަންނަނީ ރާއްޖެއަށް މެދުކެނޑުމެއްނެތި އުދުހުންތައް ބާއްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.